މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު، ފުލުހުން އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ސްރީ ލަންކާގައި ދިރިއުޅެމުން އައި އަރުޝަދު މިދިޔަ ހަފުތާގައި ދުބާއީ އަށް ދިޔަ ތަނުން އެ ތަނުގެ އެއާޕޯޓުން ހިފަހައްޓައި އަނބުރާ ލަންކާ އަށް ފޮނުވައިލިއެވެ. ލަންކާގެ އިމިގްރޭޝަނުގެ ޑިޓެންޝަނުގައި ފަސް ވަރަކަށް ދުވަހު ހުރުމަށް ފަހު މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖެ އައި އަރުޝަދު ވަނީ ދޫކޮށްލާފައެވެ.

އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ދީފައެވެ. އޭނާ ލަންކާއިން މާލެ ގެނެސް، ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ ރޭ 7:45 އަށެވެ.

ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި، ރޭ ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުނެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ބޮޑެއް ކަމަށް ފުލުހުން ބުނާ އަރުޝަދު -- ފޮޓޯ / ޕޮލިސް

އެކަމަކު، ހައިކޯޓުން ވަނީ އެނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އަރުޝަދުގެ ޕާސްޕޯޓް ހިފަހައްޓަން ހައި ކޯޓުން އެންގީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައިވާތީއެވެ.

މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިއްޔެއެވެ. އެކަމަކު، މައްސަލަ ބަލައިގަތުމާއިމެދު އެކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ އަންގާފައެވެ.

އަރުޝަދަކީ މިދިޔަ ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އިސް މީހެއް ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް އޭނާއަށް ދައުވާއެއް ނުކުރެއެވެ.

މި މައްސަލައިގާ ފުލުހުން އަމަލުކުރި ގޮތާއި ގުޅިގެން އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަތުއްތު

    ދެން ހަމީދު ގޮވައިގެން ސުޕްރީމް ކޯޓް އަށް ދާން ވީ އެއްނު. މީގަ ނެތް ދޯ އަރުސަދު މައްސަލައެއް. އޭނަ ދޫކޮށްލީމަ އޭނަ އަމިއްލަ އަށް ދިޔައެއްނު. މީ އަޖއިބެއް. މިހާރުވެސް ދައުލަތުން ޖަލަށް ކުތާ ހަރަދު ކުޑަ އީތަ އަހަރުންގެ ޓެކްސް ލާރިން؟