ސްޓެލްކޯގައި އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ ހޮޅި ފަޅައިގެން ގޮސް އެ މައްސަލަ ހައްލުކުރުމަށް ހުއްދަ ނުލިބި އޮތުމަށްފަހު، މާލެ ސިޓީ ކައުންސިލުން ހުއްދަ މިހާރު ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ބޮޑުތަކުރުފާނުމަގު ސްޓެލްކޯގެ ގޭޓް ނަންބަރު ދޭކާއި ދިމާލު ތާރަމަގުގެ މެދުން ފެން އަރަން ފެށީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެއީ ކިހިނެއް ވީ ކަމެއްތޯ ސްޓެލްކޯއިން ވަނީ ދިރާސާކޮށް ހޯދައި ބަލާފައެވެ.

ސްޓެލްކޯއިން ބުނީ އެ ފެނަކީ އެ ކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެން ކަން އެނގިފައިވާ ކަމަށެވެ. އެހެންވެ އެެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ސްޓެލްކޯއިން ވަނީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ އަށް އެދިފައެވެ.

މާލެ ސިޓީ ކައުންސިލްއިން މިއަދު މެންދުރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ބޮޑު ތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން ހައްލުކޮށްދިނުމަށް ސްޓެލްކޯއަށް އަންގާފައިވާ ކަމަށެވެ.

ފެންހޮޅި ރަނގަޅުކުރުމަށް ހުއްދަނުދޭ، ޖަނަރޭޓަރުތަކެއް ނިއްވާލަން ޖެހިދާނެ - ސްޓެލްކޯ

ނަމަވެސް ސްޓެލްކޯއިން މިއަދު މެންދުރު ފަހު ބުނެފައި ވަނީ، އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރުވެ، އެކަމުގެ ހުއްދަ އަކަށް މާލެ ސިޓީ ކައުންސިލްގައި އެދުނު ނަމަވެސް ހުއްދަ ލިބިފައި ނުވާ ކަމަށެވެ.

ސްޓެލްކޯގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެކަން ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.