ވ.އަތޮޅު ހުޅިދޫ އަތޮޅު ކައުންސިލާއި ހަވާލު ކުރަން އެއަތޮޅުގެ ރައްޔިތުން ގޮވާލަމުންދާ ގޮވާލުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ވެސް ސަރުކާރުން މިއަދު ދެކޮޅު ހަދައިފިއެވެ.

ހުޅިދޫ ކުއްޔަށް ދީފައި ވަނީ އާރަށް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށެވެ. އެއީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ބައްޕަގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް ވެއެވެ.

ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ހުޅިދޫގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެ ރަށް އަނބުރާ ހޯދުމަށް އަތޮޅުގެ މީހުން ކުރިއަށް ގެންދިޔަ އިހްތިޖާޖު ނިންމާލީ ސަރުކާރުން އެމައްސަލައިގައި މަޝްވަރާ ކުރުމަށް އެއްބަސްވުމުންނެވެ.

މިއަދު ވ.އަތޮޅު ކައުންސިލާއިއެކު އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން އާއި އެންވަރަޔަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ރައީސް އޮފީހާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ރަށް ކުއްޔަށް ދޫކޮށްފައިވާ ކުންފުނިން ބައިވެރިވިއެވެ.

ވ.އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވީ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އާއި ތިނަދޫ ކައުންސިލްގެ ރައީސް ހުސެން ޝިފާގު އެވެ.

ޝިފާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅިދޫގެ އެއްބަސްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ވެސް އުޒުވެރިވާ ކަމަށް މިނިސްޓަރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެ، އެކަމުގެ އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށް ނުގެންދެވުނެވެ.

ނަމަވެސް ހުޅިދޫ އަދި އަނބަރާގެ މައްސަލަތަށް ބަލަމުން ދާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވި ކަމަށާޢި މާދަމާ އީޕީއޭ އިން އެރަށްތަކަށް އިންސްޕެކްޝަންއަށް ދާ ޚަބަރު މިއަދުގެ ބައްދަލުވުމުގައި ދެއްވި ކަމަށް ޝިފާގު ވިދާޅުވިއެވެ.