ގއ. މާމެންދޫގައި ހިންގި މާރާމާރީގައި މަރާލި އަހުމަދު އުދައްޔު 17، ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ކުޑަ ކުއްޖާ 25 އަހަރަށް ބަންދު ކުރަން ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ.

އުދައްޔު ނިޔާވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު މާމެންދޫގައި ހިންގި މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އުދައްޔުގެ މަރުގެ މައްސަލައިގައި އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވާ ކަމަށް މިދިޔަ ސެޕްޓެމްބަރުގައި ވަނީ ކަނޑައަޅައިފައެވެ.

އަދި ޖުވެނައިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައިފައެވެ.

އެ ކުއްޖާގެ މައްޗަށް ކުރި ދެ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާ ގުޅިގެން 18 އަހަރާއި ނުވަ މަހަށް ކުޑަ ކުދިން ބަންދު ކުރާ މަރުކަޒެއްގައި ބަންދު ކުރުމަށާއި މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން އެއް އަހަރު ތެރޭގައި އެއް މިލިއަން ރުފިޔާ ނިޔާވި ކުއްޖާގެ ވާރިސުންނަށް ދިނުމަށް ހުކުމްކޮށްފައިވެއެވެ.

އަދި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްކޮށްފައިވެއެވެ.

ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެ ކުއްޖާ އަށް ހުކުމް ކުރީ ހަ އަހަރާއި އަށް މަސް ދުވަހަށް ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި ބަންދު ކުރުމަށެވެ.

އެހެންކަމުން ޖުމްލަ 25 އަހަރާއި ފަސް މަސް ދުވަހު ބަންދުގައި އެ ކުއްޖާ ހުންނަން ޖެހޭނެއެވެ.

މި މައްސަލައިގައި އަހުމަދު ޝަމީމް އާއި ޝަރަފް ރަޝީދާއި މުހައްމަދު މާޒިންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.

މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔު އާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އޭނާ ވަޅުލާފައިވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟމމ

    ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި އެކުއްޖާ 6 އަހަރު ހޭދަކުރާއިރު 18 ނުވާނެތަ؟ 18 ވީމަ އެފަދަ މަރުކަޒެއްގައި އެކުއްޖާ ބެހެއްޓިދާނެތަ؟ 18 ވީމަ ކުޑަކުއްޖަކަށް ނުވާނެ

    13
  2. ހަ

    މީ ކޮންކަހަލަ މޮޔަ ރިޕޯޓް އެއް. ޓައިޓަލް ގަ ލިޔެފާވަނީ "ކުޑަ ކުއްޖަކައު" މީނަ އަކީ 18 އަހަރުން މަތި ބާލިޢު ވެފާހުތި ބޮޑު ފިރިހަނެއް. އޭނަ ކުރި ބޮޑު ފާފަގެ އަދަބު ލިބުމަކީ ނުބައި ކަމެއްތަ؟