މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހިފައި ތިބި ގައިދީން ޑޮކްޓަރަށް ދައްކަން ގެންދާ ހާއްސަ ހޭހަން އޮޕަރޭޝަންގައި ދުވާލަކަށް 20-30 ގައިދީން ޑޮކްޓަރަށް ދައްކަން ގެންދާ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

އޮޕަރޭޝަން "ހޭހަން" ނަމުގައި ފެށި މި އޮޕަރޭޝަނަކީ ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު، އެމީހުން ޑޮކްޓަރުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެ ނޫން ވެސް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިންގޭ ހާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން ފަށާފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑާރ އޭސީޕީ މުހައްމަދު އާސިފް ވިދާޅުވިީ، އެކި ރޭންކްތަކުގެ އޮފިސަރުންނާއެކު ކުރިއަށްގެންދާ މި އޮޕަރޭޝަން ކުރިއަށްގެންދަނީ އަށް ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެ ގްރޫޕްތަކުން ކޮންމެ ދުަވަހަކުވެސް ވަކި އަދަދަކަށް ގައިދީން ގެންދާނެ ކަމަށް މުހައްްމަދު ވިދާޅުވިއެވެ.

އޮޕަރޭޝަން ކޮމާންޑާރ އޭސީޕީ މުހައްމަދު އާސިފް - ކަރެކްޝަންސް

"މިގޮތުން އެވްރޭޖްކޮށް ދުވާލެއްގެ މައްޗަށް 20-30 އާ ދެމެދުގެ ގައިދީން ޑޮކްޓަރަށް ގެނެސް، ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން މި ދަނީ ބަލަމުން"،

އޭނާ ވިދާޅުވީ، މި އޮޕަރޭޝަން ތިން ހަފްތާގެ މުއްދަތަކަށް ހިންގާނެ ކަމަށެވެ.

"މި ތިން ހަފްތާ ނިމޭއިރު، އަޅުގަނޑުމެންގެ ޓާގެޓަކަށް މި ހަދަނީ އޮޕަރޭޝަންގައި ޖުމްލަ 350، އާއި 400 އާ ދެމެދުގެ އަދަދެއްގެ ގައިދީން ޑޮކްޓަރަށް ދައްކާ ނިންމާލެވޭނެ ކަމަށް".

މި ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރަނީ އައިޖީއެމްއެޗް، އޭޑީކޭ، އައިކެއާ އަދި ހުޅުމާލެ ހޮސްޕިޓަލްގައެވެ.