ރާއްޖޭގެ ވިޔަފާރިތަކަށް ދޫކުރާ ހުރިހާ ލިޔެކިޔުމެއް ދެން ދޫކުރަމުން ގެންދާނީ އިލެކްޓްރޯނިކް ޒަރީއާއިން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު، އެ ވިޔަފާރިއަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރޮފައިލް ޝީޓް އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ކޮންމެ ވިޔަފާރިއަކަށްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން، އެ މިނިސްޓްރީން ދޫކޮށްފައިވާ ޕްރޮފައިލް ޝީޓް އަދި އެކި ރެޖިސްޓްރޭޝަން ސެޓްފިކެޓްތަކުގައި މިނިސްޓްރީގެ ސްޓޭމްޕް ޖަހައިދިނުން ހުއްޓާލާފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރީގެ މައުލޫމާތު މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އަދި ޕާޓްނަރޝިޕެއްނަމަ، ޕާރޓްނަރޝިޕް އެގްރިމެންޓް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް ބުނެފައި ވެއެވެ.

އެ މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާ ގުޅޭ ޚިދުމަތްތަކަށް އެދޭނީ https://business.egov.mv މެދުވެރި ކޮށެވެ.

އޮންލައިންކޮށް ހިދުމަތަށް އެދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، ބޮޑުތަކުރުފާނު މަގު، އެމްޓީސީސީ ފެރީ ޓަރމިނަލްގައި ހުންނަ 1500 help ސަރވިސް ސެންޓަރ އަށް ޒިޔާރަތްކޮށްގެން މައުލޫމާތު ލިބޭނެއެެ. މީގެ އިތުރުން، ހިދުމަތްތަކާބެހޭ މައުލޫމާތު ހޯދުމަށް ކޯލް ސެންޓަރ 1500 ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.