އުމުރުން 55 އަހަރު ނުވިޔަސް، މަގާމުގައި 10 އަހަރު ހަމަވެފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު މުސްކުޅި ކުރެއްވޭ ގޮތް ހަދައިފި އެވެ.

މިހާރު ފަނޑިޔާރަކަށް މަގާމުން ވަކިވެވޭނީ ތިން ހާލަތެއްގަ އެވެ. އެއީ އުމުރުން 70 އަހަރުވުމުން އޮޓޮމެޓިކުން ވަކިވުމާއި، 55 އަހަރު ވުމުން އަމިއްލަ އަށް އެދިގެން ވަކިވުން އަދި ސިއްހީ ސަބަބަކަށްޓަކައި ވަކިވުމެވެ.

އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް އެކުލަވާލައި މި އަހަރުގެ ކުރީކޮޅު އަމަލުކުރަން ފެށި ގަވާއިދަށް ގެނައި ބަދަލުގައި ވާގޮތުން 55 އަހަރު ނުވިޔަސް، އެހެން ޝަރުތުތައް ހަމަވާނަމަ ޝަރަފުވެރިކަމާއެކު ވަކިވެވިދާނެ އެވެ.

އެގޮތުން ފަނޑިޔާރުކަމުގައި 10 އަހަރު ހިދުމަތް ކުރައްވާފައިވާނަމަ އަމިއްލަ އަށް ވަޒީފާއިން ވަކިވާން ހުށަހެޅިދާނެ ކަމަށް މިއަދު ގެނައި ބަދަލުގައި ބުނެފައި ވެއެވެ.

މަގާމުން ވަކިވާން އެދޭ ފަނޑިޔާރަކަށް ޝަރަފުވެރިކަމާއެކު މުސްކުޅިކުރާއިރު، ސުލޫކީ މައްސަލައެއް ސާބިތުވެ ވޭތުވެދިޔަ އެއް އަހަރުތެރޭގައި ނަސޭހަތްދީ، ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގިފައިވާނަމަ އިނާޔަތް ލިބޭނެ ގޮތަށް މަގާމުން ވަތްކެއް ނުކުރެވޭނެ އެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭގައި މަގާމުގެ ދަރަޖަ ދަށްކޮށްފައިވާނަމަ، ނުވަތަ ވަޒީފާ އަށް ނުކުތުން ތިން މަސް ދުވަހަށް މަނާކޮށްފައިވާ ފަނޑިޔާރަކަށް ވެސް ޝަރަފުވެރިކަމާއެކު މަގާމުން ވަކި ނުވެވޭނެ އެވެ.

ގަވައިދުގައި ބުނެފައި ވަނީ ތައުދީދީ މައްސަލައެއްގައި ފަނޑިޔާރުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާ ފަނޑިޔާރުންނާއި، ފަނޑިޔާރެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސބަބުން އޭނާއާމެދު އެޅިދާނެ ތާއުދީބީ ފިޔަވަޅަކުން ބަރީއވުމަށް ޓަކައި ފަނޑިޔާރުކަމުގެ މާގާމުން އިސްތިޢުފާދޭން ނުވަތަ ވަކިވާ ފަރާތްތަކަށް އިނާޔަތް ނުލިބޭނެ ކަމަށެވެ.

ޝަރަފުވެރިކަމާއެކު މަގާމުން ވަކިކުރާ ފަނޑިޔާރުންނަށް ގަނޑުކޮށް ދޭ ފައިސާގެ އިނާޔަތާއި، މަހުން މަހަށް އުމުރު ދުވަހަށް ދޭ ފައިސާގެ އިނާޔަތް އަދި މެޑިކަލް އިންޝުއަރެންސް ހިމެނެ އެވެ.

ފާއިތުވި ހަތަރު އަހަރަކީ އާގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގައި އެންމެ ގިނައިން ފަނޑިޔާރުން މަގާމުތަކުން ވަކިކުރި، ނުވަތަ ވަކިވި ފަސް އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދު1

    ޢިންސާފު ރަނގަޅަށް ހިނގާނަމަ މި ޚަބަރު ކިޔާލަން ފަސޭހަވާނެ.

  2. Anonymous

    މޑޕ ސަރުކާރެއްގަ ދެން އުޅޭނީ ހުސް ފަނޑިޔާރުން މިކުޑަ ކުޑަ ގައުމުގަ.