ވަރަށް ގިނަ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ލީގަލް އޮފިސަރުން ހޯދަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާން ކޮށްފިއެވެ.

ޅ.ހިންނަވަރު ކްލަސްޓަރ، އދ.މާމިގިލި ކްލަސްޓަރ، ދ.ކުޑަހުވަދޫ ކްލަސްޓަރ، ކ.ކާށިދޫ ކްލަސްޓަރ، ހއ.ހޯރަފުށި ކްލަސްޓަރ، ނ.މަނަދޫ ކްލަސްޓަރ، ނ.ހޮޅުދޫ ކްލަސްޓަރ، ލ.މާމެންދޫ ކްލަސްޓަރ، ހދ.ކުޅުދުއްފުށި ކްލަސްޓަރ، ސ.ހިތަދޫ ކްލަސްޓަރ، މ.މުލި ކްލަސްޓަރ، ބ.ދަރަވަންދޫ ކްލަސްޓަރ، އއ.ތޮއްޑޫ ކްލަސްޓަރ އަދި ހދ.ނޮޅިވަރަމް ކްލަސްޓަރ އަށް ލީގަލް އޮފިސަރުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ.

މިއިން ގިނަ ކްލަސްޓާތަކުގައި ކައިރި ރަށްރަށް ހިމެނެއެވެ.

ލީގަލް އޮފިސަރަކަށް މުސާރައިގެ ގޮތުގައި -/9412 ރުފިޔާ އަދި އޭގެ އިތުރުން ޖުޑީޝަލް އެލަވަންސް: 3,294/20 (އަސާސީ މުސާރައިގެ %35) އާއި ސަރވިސް އެލަވަންސްގެ ގޮތުގައި -/3,000 އާއި ލިވިންގ އެލަވަންސްގެ ގޮތުގައި -/2,550 ރުފިޔާ ލިބޭނެއެވެ. އޭގެ އިތުރުން ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތަކީ ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމެވެ.

ލީގަލް އޮފިސަރުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ނިޔާކަނޑައަޅާ މައްސަލަތަކުގެ ޚުލާސާ ރިޕޯޓާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓު ކުރުމުގައި އެހީތެރިވެދިނުމާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް މައްސަލަ ބަލައިގަތުމާމެދު ޗީފް އެޑްމިނިސްޓްރޭޓަރަށް ލަފާދިނުމާއި މައްސަލަތައް ދިރާސާ ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް އެކަންކަމުގެ މަޢުލޫމާތު ޤަވާޢިދުން މެޖިސްޓްރޭޓާއި ހިއްސާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްމި

    ކޯޓުތަކުގައި ގިނަ ދުވަސްވި މީހެކޭ، މިހާރު ކޯޓަށް ވަންނަން މީހެކޭ އެއްވެސް ތަފާތެއް މުސާރައިގައި ނުހުރޭ، މޮޅަށް ކިޔަވައިގެން އަންނަ ކުއްޖާއަށްވެސް ސެޓުފިކެޓުގެ އެލެވަންވެސް ވެސް ހަމަޖެހެންވާނެ،

  2. އަބޫ

    ރ.އަލިފުށީ ކުލަސްޓާ ނެތީމަ ހިތާމަ ކުރަން.
    އެއީ ދެ މެޖިސްޓްރޭޓުން މަސައްކަތްކުރާ ވަރަށްގިނަ މައްސަލަ ހުށަހެޅޭ ބާރުބޮޑު ކޯޓެއް
    މިހާރު ހުރީ އެންމެލީލަގްއެއް. އެއީ ސީނިއަރ މެޖިސްޓްރޭޓުގެ ލީގަލް އެކަނި
    ދެން ހުރި މެޖިސްޓްރޭޓަށްވެސް ވަރަށް އަވަހަށް ލީގަލެއް ހަމަޖައްސައި ދިނުމަށް ގޮވާލަން

  3. އަޅާނުލާ

    ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ކިތަންމެ ބައިވަރު މީހުނެއް ވަޒީފާއަށް ނެގިޔަސް ކޮލަޓީ ކުދިން ނުލިބޭކަން. ކޮންމެވެސް ނުފޫޒަކުން ވަޒީފާ ދިނުމުގެ ސަބަބުން މުޅި އޮފީހަށް ގެއްލުން ވާކަން. ވަރަށް ދެރަކަން ކަން. މުޅި ގައުމު ފެންނަނީ އެކަހަލަ ގޮތަކަށް