ޕްރައިވަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް ކަމަށް މުހައްމަދު ފިރާޒް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ފިރާޒަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ދިރާސާކޮށް އޭނާ އެ މަގާމަށް އައްޔަނު ކުރަން ކުރިން އޮތީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފިރާޒްއަށް ރުހުން ދިނީ 57 މެމްބަރުންގެ ވޯޓާއެކުއެވެ.

ފިރާޒް ވަނީ މެލޭޝިއާގެ އޯޕެން ޔުނިވަސީޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައެވެ.

ފިރާޒް ޕީސީބީގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރި އިރު ޕީސީބީގެ ރައީސްކަމަށް އާސިމް މުހައްމަދު ހަމަޖެއްސީ މިދިޔަ ފެބްރުއަރީމަހުއެވެ.

ފިރާޒާއި އާސިމް ހިމެނޭ ގޮތަށް އެ ބޯޑުގައި ހިމެނެނީ ހަ މެމްބަރުންނެވެ. އެއީ އައިޝަތު ޝާޒްލީ، އަލީ ޝަފީއު، އަހުމަދު ޝަރީފް ޔޫސުފް އަދި ރުޝާހާ އަހުމަދު ޝަރީފެވެ.

ޕީސީބީއަކީ ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ބޯޑެކެވެ.