ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރު ކަމަށް އައްޔަނުކުރި، ހއ. ކެލާ/ ކޮކާގޭ، މުހައްމަދު އާޒާދު އަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އާޒާދު އައްޔަނުކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އަދި އާޒާދު ނަން ދިރާސާކޮށް އެކަމާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވެއެވެ.

ރައީސްގެ ސިޓީފުޅާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

އެ މައްސަލަ އިތުރަށް ދިރާސާކޮށް އެސްއޯއީ ކޮމިޓީން އާޒާދު ރުހުން ދީފިނަމަ މުޅި މަޖިލީހުން ގޮތެއް ނިންމާނެއެވެ.

އާޒާދު ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރީފޯމް ކޮންސަލްޓަންޓްގެ މަގާމާއި، އެ މިނިސްޓްރީގެ އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމާއި، ހަޒާނާ މޯލްޑިވްސްގެ ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސްގެ މަގާމާއި، އޭސީސީގެ ހެޑް އޮފް އިންޓަލިޖެންސް ޑިޕާޓްމެންޓާއި، އިސްލާމިކް ބޭންކް ބޯޑު މެމްބަރުކަންވެސް ކުރައްވައިފަ އެވެ.

އޭނާ ވަނީ ސީއެފްއޭ ޗާޓަރ ހޯލްޑަރ އަދި ސައިންސް އެންޑް ފިނޭންސް ދާއިރާއިން މާސްޓާސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ހާސިލްކޮށްފައެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެކެވެ.