ކާގޯ ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ސިއްހީ ހާލު ދެރަވެގެން އެމްއެންޑީއެފް އެހީތެރިކަމާއެކު މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބަޚްރެއިނުން ޑިއަގޯރ ގާޝިއާއަށް ދަތުރުކުރަމުންދިޔަ "ހާޓްލޭންޑް ޕޮއިންޓް" ނަމަކަށް ކިޔާ ކާގޯ ޝިޕްގައި ހުރި އުމުރުން 55 އަހަރުގެ އިނގިރޭސިވިލާތުގެ އެ ފަޅުވެރިޔާގެ ސިއްހީ ހާލުދެރަވެގެން އުޅޭކަމުގެ މައުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ނޮވެންބަރު 8 ވަނަ ދުވަހުގެ ހެނދުނު 09:50 ހާއިރުއެވެ.

އެގޮތުން އެ ކާގޯ ޝިޕް މާލޭ ޕައިލެޓް ގްރައުންޑާ ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް ވަނީ އެ ކާގޯ ޝިޕު އޮތް ސަރަހައްދަށް ގޮސްފައެވެ.

އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ބަލި މީހާ ކާގޯ ޝިޕުން ބާލައި، ރޭ ދަންވަރު 02:00 ހާއިރު ވަނީ އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސްދީފައެވެ.