މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރަކު އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އެކައުންސިލުން އެއްވެސް ފިޔަވަޅައި ނާޅައި މައްސަލަ ހިންދާލާފައި ވަނިކޮށް ބޭއްވި އެވޯޑް ހަފްލާއަށް ސަރުކާރުގެ އެއްވެސް އިސްވެރިޔަކު ވަޑައިނުގެން ޖަލްސާ ބޮއިކޮޓް ކުރައްވައިފިއެވެ.

ނޫސްވެރިންނަށް އިނާމު ދިނުމަށް ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވަން އެންމެ ފުރަތަމަ ދައުވަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ "ވަގުތު ނެތް ކަމަށް ވިދާޅުވެ." އެވޯޑް ހަފްލާއަށް ވަޑައިގެންނެވެން ނެތްކަން އަންގަވާފައެވެ.

މީޑިއާ ކައުންސިލްގެ އެވޯޑަށް ރައީސް ވަޑައިނުގެންނެވި ނަމަވެސް މީގެ ދެމަސް ކުރިން އޮތް ބްރޮކާސްޓިން އެވޯޑަށް އެމަނިކުފާނު ވަޑައިގެން އެހަފްލާ ޝަރަފްވެރި ކޮށްދެއްވިއެވެ.

ރައީސް ސޯލިހަށް މީޑިއާ ކައުންސިލްގެ އެވޯޑްގައި ބައިވެރިވެވެން ނެތްކަން އެންގުމުން މީޑިއާ ކައުންސިލުން ދެން ދައުވަތު ފޮނުވީ ނައިބު ރައީސް ފައިސަލް ނަސީމަށެވެ. ނަމަވެސް ނައިބު ރައީސް ވެސް ވަނީ ޖަލްސާއަށް ވަޑައިގެންނެވެން ނެތްކަން އަންގަވާފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނާއި، ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވެސް ޖަލްސާގެ ދައުވަތު ދިނެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ޖަލްސާއަށް ވަޑައެއް ނުގެންނެވިއެވެ.

ސަރުކާރުން ޖަލްސާ ބޮއިކޮޓް ކުރިއިރު މީޑިއާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއު ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ބަލަން އެކައުންސިލުން ނިންމި ނިންމުމަށް ވެސް އަމަލެއް ނުކުރެއެވެ. އެމައްސަލައިގައި ފުލުހުން ވަނީ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ބެލުމަށް އޮންނަ ކޮމެޓީން މައްސަލަ ކުރިއަށް ގެންދަން ލަފާވެސް ދީފައެވެ.

މީޑިއާ ކައުންސިލަކީ ނޫސް މަޖައްލާތައް ރެގިއުލޭޓް ކުރަން އުފައްދާފައި އޮންނަ މިނިވަން މުއައްސަސާއެކެވެ. އެތަނުގެ މެންބަރުން ހޮވަނީ މީޑިއާތަކުން ވޯޓް ލައިގެންނެވެ. މީޑިއާ ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިބެނީ މީޑިއާތައް ތަމްސީލް ކުރާ ހަތް މެންބަރުންނާއި އާއްމުންގެ ތެރެއިން ހޮވާ އަށް މެންބަރުންނެވެ.