ސްޓެލްކޯއިން އަލަށް ހުޅުވި ޑޭކެއާ ސެންޓަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފިއެވެ.

"ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ކުރެއްވި ޒިޔާރަތުގައި ރައީސް ސޯލިހު ވަނީ އެ ސެންޓަރުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި އެތަން ބައްލަވާލައްވައިފައެވެ.

ސްޓެލްކޯގައި ހުޅުވި ޑޭކެއާ ސެންޓަރަކީ ސަރުކާރުން ރައްޔިތުންނަށް އިޖުތިމާއީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ.

އެ ސެންޓަރ ހުޅުވާފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގުސަދުގައެވެ.

ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައި ތަރައްގީ ކުރި އެ ސެންޓަރަކީ ޢުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ. ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރެޖިސްޓަރކޮށްފައެވެ.

އެ ސެންޓަރުގައި ހިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ހާއްސަ ތަމްރީންތައް ލިބިފައިވާ ޤާބިލް ފަރާތްތަކެެއް ކަމަށާއި އަދި އެ ސެންޓަރ ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާޙައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށް ކަމަށް ސްޓެލްކޯއިން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހުރިހާ ތަނެއް ގާ ސިއްކާ ޖައްސަވަނީ

  2. ލޯބިވާ ވަޠަން

    ކުރިއަށް އޮތް ތަނުގާ ތިކަހަލަ މަންޒަރު ފެންނަވަރު އިތުރުވާނެ.

  3. ދަވާލާ

    ޑޭކެއަރ ސެންޓަރ ހުޅުވިއިރު މުވައްޒަފުން ތިބީ އޮރިޔާންނިވާނުވެ ސަރީފޫ ކޮބައިހޭ ޔުނިފޯމް ޓީސާޓާ ފަޓުލޫނު ، ސޯލިބޭ އޮފުއެރުވިޔަކަސް ކަމަކު ނުދާނޭ މުވައްޒަފުން ހައްގުތައް އަދާނުކޮށް