ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2000 އަށްވުރެ ގިނަ މީހުނަށް ނަމާދު ކުރެވޭނެ ދެ މިސްކިތް އެޅުމަށް ދެ ކުންފުންޏަކާއިއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކޮށްފިއެވެ.

މިސްކިތް އެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީއިން ސޮއި ކޮށްފައިވަނީ ސަންފްރަންޓާއި ވެލިގާ ހާޑްވެއާއާއިއއެކުގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް އެޅުމަށް ސަންފްރަންޓާއިއެކު ސޮއި ކުރި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. އަދި ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމެވެ.

ސަންފްރަންޓުން ހުޅުމާލޭގައި އަލަށް ބިނާ ކުރަން ނިންމާފައިވާ މިސްކިތަކީ ވެސް ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒް ކޮށްދޭ ފަރުމާއަކަށް ކުރެހިފައިވާ ރީތި މިސްކިތެއް ކަމަށާއި 22,935 އަކަފޫޓުގެ ބިމެއްގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެއް ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އޭގެއިތުރުން، އެ މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުލޫކުށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި އިރުގެ ހަކަތަ، މި މިސްކިތުގައި ބޭނުންކުރެވޭނެ ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ.

އަދި އެ މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް ވެލިގާ ހާރޑްވެއާއެކު އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ. އަދި ވެލިގާ ހާރޑްވެއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބޫބަކުރެވެ.

އެޗްޑީސީއިން ބުނީ އެ މިސްކަތަކީވެސް ވަރަށް ޒަމާނީ ރީތި ފަރުމާއެއް ކަމަށެވެ. މިއީ، 15,457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރެވޭ މި މިސްކިތުގައި ވެސް އިރުގެ ހަކަތަ ބޭނުންކުރެވޭނެ ކަމަށެވެ.

އަދި އެކަހެރިކޮށް އަންހެނުންނަށް ނަމާދު ކުރުމުގެ ހުރިހާ އިންތިޒާމެއް މި މިސްކިތުގައިވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

މީގެއިރުތުން، މި މިސްކިތުގެ އެތެރޭގައި އާއި ބޭރުގައި އެއްފަހަރާ 2,200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު