ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިތޮތަށް ވިދާޅުވީ މިއަދު އެމަނިކުފާނު އެމްއެމްޕީއާރްސީގެ މުވައްޒަފުންނާއި އިސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި އެމްއެމްޕީއާރްސީގެ ވެރިންނާއި، މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި، ވޯރލްޑް ލީޑިންގް ޓުއަރިސްޓް ބޯޑް އެވޯޑް ރާއްޖެއަށް ލިބިފައިވާތީ އެކަން ހައްސަގޮތެއްގައި ފާހަގަކުރައްވައި، އެމްއެމްޕީއާރްސީ ގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވިއެވެ.

ވޯރލްޑް ލީޑިންޑް ޓްއަރިސްޓް ބޯޑު އެވޯޑް ރައްޖެއަށް ލިބުނު މިއީ ފުރަތަމަ އަހަރެވެ. އަދި، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ވަނީ މި އަހަރާއެކު ވިދިވިދިގެން 3 އަހަރު ހޯދާފައެވެ.

ރައީސްގެ ވަނީ ކޮވިޑް-19 ދަތި ދުވަސްވަރު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި، ފާތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރުކަން ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެމްއެމްޕީއާރްސީއަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން ރައީސްއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އޭގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެންގުޅޭ 'ޓޭލްސް އޮފް މޯލްޑިވްސް' ފޮތްތަކުގެ ކޮޕީއަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން 2021 ވަނަ އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ރައީސް އަށް ވެދުމަށް އެރުވިއެވެ.