ކަޒަކިސްތާނުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ފެއާއެއްގައި ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު "ވަގުތަށް" މިއަދު ވިދާޅުވީ ކަޒަކިސްތާނު އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރި ކަމަށް އެ ސަރަހައްދުން އިތުރަށް މަގްބޫލްކަން ހޯދުން ކަމަށެވެ.

އޭގެ އިތުރުން އެ ސަރަހައްދާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަކީ ވެސް ފެއާގައި ބައިވެރިވާ މަގްސަދެއް ކަމަށް ވެސް ތޮއްޔިބް ވިދާޅުވިއެވެ.

ކަޒަކިސްތާންގައި އޮތް ފެއާގައި ރާއްޖެ އިސްތިހާރު ކުރަނީ.

ފެއާގައި ބައިވެރުވުމަށް ޝައުވެރިވާ ފަރާތްކަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ 26 ކުންފުންޏަކުން ނަން ހުށަހެޅި ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި އެ ކުންފުނިތަކުން 45 މީހަކު އެ ފެއާ އަށް ރާއްޖެ ތަމްސީލް ކުރުމަށް ކަޒަކިސްތާނަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ކާނި ހޮޓެލްސް އެންޑް ޓުއާސް ހިމެނެއެވެ. ކާނި ހޮޓެލްސް ޕްރޮމޯޓް ކުރަނީ ރާއްޖޭގެ ލޯކަލް ޓޫރިޒަމެވެ. ކާނި ހޮޓެލްސްއަކީ ރާއްޖެ އިން ބޭރުގައި އޮންނަ ބޮޑެތި ފެއާތަކުގައި އަބަދުވެސް ބައިވެރިވާ ދުނިޔޭގެ މަގުބޫލު ބްރޭންޑަކަށް ވަނީ ވެފައެވެ.

ކާނި ހޮޓެލްސްގެ އިތުރުން ދެން އެ ފެއާގައި ބައިވެރިވާ މަޝްހޫރު ބައެއް ކުންފުނިތަކުގެ ތެރޭގައި މަޝްހޫރު އެތައް ރިސޯޓެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި ބަނޑޮސް މޯލްޑިވްސް އާއި ޕްލޫމެރިއާ މޯލްޑިވްސް އާއި ސައުތު ޕާމް ރިސޯޓު މޯލްޑިވްސް ހިމެނެއެވެ.

އެ ފެއާގައި ރާއްޖެއިން ލިބެން ހުރި ފަތުރުވެރިކަމުގެ ހުރިހާ ފެސިލިޓީއެއް ޕްރޮމޯޓް ކުރާނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.

"އެ ފެއާގައި އަޅުގަނޑުމެންގެ އޮފިޝަލުން ކިޔައިދޭނެ ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ސަފާރީތަކުގެ ވާހަކަތައް. އަދި ފަތުރުވެރިންނަށް ރާއްޖޭގައި ހުރި އެކްޓިވިޓީސްގެ ވާހަކަތައް ވެސް ކިޔައިދޭނެ." ތޮއްޔިބު ވިދާޅުވިއެވެ.

ކަޒަކިސްތާނުގައި މި ފެއާ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ފެއާގައި ރާއްޖޭގެ ނަން މަޝްހޫރު ހޮޓަލްތަކާއި ރިސޯޓްތައް ބައިވެރިވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 621،093 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    ކިތަންމެ ވަރަކަށް އިސްތިހާރުކޮށް ޓުވަރިޒަމް ކުރިއަރުވަން އުޅުނަސް އެމްޑީޕީއަކީ ރާއްޖޭގެ ޓުވަރިޒަމް ކުރިއަރުވާބަޔެކޭނުބުނެވޭނެއެވެ. ސަބަބު އެމްޑީޕީނޫން ބަޔަކު ވެރިކަމުގައި ހުރިއްޔާ ޓުވަރިޒަމް ބޯއިކޮޓްކޮށް ރާއްޖެއަށް ޓުވަރިސްޓުންނައުމަށް ގޮވާލައެވެ. ރާއްޖެއަށް ހެޔޮއެދޭނަމަ ކޮންމެބަޔަކު ވެރިކަމުގަ ހުއްޓަސް އެގޮތަށްނުހަދާނެއެވެ. ވީމާ މިހާރު ތިކުރާކަމަކީ އިބޫގެ ވެރިކަން ދަމަހައްޓަން ފައިސާބޭނުންވާތީ ޓުވަރިސްޓުން އިތުރުވާގޮތް ހަދަނީއެވެ. އެއީ އިބޫގެ ފައިދާއަށެވެ.

  2. ރައްޔަތުން

    ދިވެހިންގެ ޓެކްސް ފައިސާއިން ހަރަދު ކުރަނީ. ހުރިހާ ވަޒީފާއެއް ބޭރުމީހުން ނައް . މުޅި ރިސޯޓުގެ މުސާރަ ސީޓުބަލާލީމާ އޭގެ 95ޕަސެންޓަކީ ގައުމުން ބޭރު މީހުންގެ ހަރަދު. އެހެން ވީއަރު ދިވެހިން ނައް މި ޓުވަރިޒަމް ޕޮރޮމޯޓް ކޮއްގެން އޮތީ ކޮން ފައިދާއެއް؟ ރާއްޖެ އަށް މީގެން ލިބެނީ ކޮން މޮޅެއް ؟