ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ކޭމްޕެއް ފަށައިފިއެވެ.

މި ކޭމްޕުގައި އާރތުރޮސްކޯޕިކް ސާރޖަރީ (ކެމެރާގެ ޒަރީއާއިން ބަލައިން ކުރެވޭ ހުޅުތަކުގެ އޮޕަރޭޝަން) ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން މި އޮަޕަރޭޝަންތައް ކުރިއަށްގެންދާއިރު، އައިޖީއެމްއެޗް ގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ކަށީގެ ޑޮކްޓަރު، އަދި ނޭޝަނަލް ހެލްތު ކެއަރ އެކަޑަމީގެ ވައިސް ޑީން ކަން ވެސް ކުރައްވާ، ސީނިއަރ ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. ހުސައިން ޝަކީލް އިސްވެ ކުރައްވާ މި އޮޕަރޭޝަންތަކުގައި، އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ، ޑރ. އަސްއަދް މުޖައްމަދު ޝަހީދު އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ކަށީގެ ހާއްސަ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. އަލީ މަފާޒް ރަޝީދު ބައިވެރިވެލައްވާނެއެވެ.

އާރތުރޮސްކޯޕިކް ސާރޖަރީ ކޭމްޕުގައި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައި ދިނުމަށް ނިންމާފައި ވެއެވެ. އެހެންކަމުގައި މިކަމުގައޮ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކަށީގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓުން ކަމުގައިވާ ޑރ. ގޮޑާ، ޑރ. އަދްލީ އަދި ޑރ. ޕަރާޝްގެ އިތުރުން، ނަރުހުންގެ ޓީމް އަދި ގުޅުންހުރި ފަރާތްތަކުން ދަނީ ކުރިއަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ބޭނުންވާ އާލާތްތައް ހަމަކޮށް، އޮޕަރޭޝަން ކުރެވޭނެ ފަރާތްތައް މިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މި ކޭމްޕުގައި ކުރެވޭ އޮޕަރޭޝަންތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމް އަމަލީ ގޮތުން ހަރަކާތްތެރިވާނެއެވެ.

މިމަހުގެ 6 ން 9 ށް ގެންދެވުނު ލެޕަރޮސްކޯޕިކް ސާރޖަރީއާއި އެއްގޮތްކަމެއް ހުންނަ އާރތުރޮސްކޯޕިކް ސާރޖަރީއަކީ ވެސް ކީހޯލް ސާރޖަރީ ނުވަތަ ކެމެރާގެ ޒަރީއާއިން ބަލައިގެން ކުދި ކެފުންތަކަކާއި އެކު ކުރެވޭ އޮޕަރޭޝަނުގެ ވައްތަރެކެވެ. ލެޕަރޮސްކޯޕިކް ސާރޖަރީތައް ހަށިގަނޑުގެ ކެވެޓީތަކަށް ހާއްސަވެފައިވާއިރު، އާރތުރޮސްކޯޕިކް ސާރޖަރީއަކީ ހުޅުތަކުގެ އޮޕަރޭޝަންތަކެކެވެ. މިގޮތުން ކުޅިވަރު ކުޅުމުގައި ހުޅުތަކަށް ލިބިފައި ހުންނަ އަނިޔާތައް (ސްޕޯރޓްސް އިންޖަރީސްތައް)، އާރތުރޮސްކޯޕިކް ސާރޖަރީ މެދުވެރިކޮށް ރަނގަޅު ކުރެވި ކަސްރަތުގެ އެހީގައި އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް އެހީތެރި ވެދެއެވެ. މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ޝަކީލަކީ މިފަދަ އެތައް ކުޅުންތެރިންނެއް ކުޅިވަރަށް ރުޖޫޢަކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

މި ކޭމްޕުގައި ކަކުލުހުޅުގެ އޮޕަރޭޝަންތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އޮޕަރޭޝަނަށްފަހު ހޭދަވާ މުއްދަތަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށް ޑޮކްޓަރު ފާހަގަ ކުރައްވައެވެ. މިގޮތުން ފުރަތަމަ 6 މަސްދުވަހުގެ މުހިންމުކަން ހާއްސަކޮށް ފާހަގަކުރައްވަމުން ވިދާޅުވީ، ފުރަތަމަ ތިން މަހާއި ބައި، ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާރޓްމެންޓުން ފަރުވާ ހޯދަންވާނެ ކަމަށެވެ. އަދި އޭގެފަހުން، ކަމުގެ މާހިރުންގެ ލަފަޔާއެކު ކަސްރަތު ކުރިޔަށް ގެންދަންވާނެ ކަމަށެވެ. މިގޮތުން ފީނުން އަދި މޫދުގައި ކުރެވޭ ކަސްރަތުތަކުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވިއެވެ.

އެ ހޮސްޕިޓަލުން ބުނީ، ހުޅުތަކުގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ އެތައް ބަޔަކު މި ސަރަހައްދުގައި ތިބުމާއެކު، މިފަދަ އިތުރު ކޭމްޕުތައް ބޭއްވުމަކީ ހޮސްޕިޓަލުގެ އަމާޒެއް ކަމަށެވެ. މިގޮތުން މިކަމުގެ ނީޑް އެނަލިސިސް އެއް ހަދާލުމަށް، ކުރީގެ މެޑިކަލް ރެކޯރޑްތައް ބެލުމުގެ އިތުރުން، ކޭމްޕު އިއުލާންކޮށް ހޭދަވި 17 ގަޑިއިރެއްހާ އިރުގެ ތެރޭގައި ޖުމްލަ 56 ފަރާތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ނަންނޯޓް ކޮށްފައިވެއެވެ.

މިފަހަރުގެ ކޭމްޕުގައި ޖުމްލަ 3 ދުވަހުގެ ތެރޭގައި 9 އޮޕަރޭޝަން ކުރާނެއެވެ. އަދި ވަގުތު ތަންދޭނަމަ އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ކުރިޔަށް އޮތީ 2023. ކުޑަގޮލާ ބަދަލުކުރުމޭކިޔައިގެންވެސް ތިކަހަލަ ހުވަފެންތައް ދައްކާނެ! ދަންނަންވީ ކަމަކީ ތިޔައީ ވަގުތީ ފިލްމެއްގެ މަންޒަރުކަން. ސީން ނިމުމުން އެކަންވެސް ނިމުނީކަން!

  2. ބޮޑޫވަރު

    ތުރާކުނުގައި ކުރިޔަސް މާލޭގައި ކުރިޔަސް އައްޑޫގައި ކުރިޔަސް އެކުރަނީ އެއްބައެއް. ހޮސްޕިޓަލެއްގެ ހުރި ފެންވަރަކުން ނޫން އަދި އަލަށް އައި ޑަކްޓަރުންވެސް ނޫން.