ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް މިމަހުގެ 18 ވަނަ ދުވަހުގެ ރޭ މަގުމަތިން ހަމަލާދިން މައްސަލައިގައި 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޝިމާޒަށް ހަމަލާދިން މައްސަލައިގައި މި މަހުގެ 22 ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ޝިމާޒަށް ހަމަލާދީފައި މިވަނީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އޭސީސީން ޝިމާޒް ހިމެނޭހެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނިކޮށެވެ.

އެކަން ހަވާލުކުރީ ރާއްޖޭގައި ދުއްވާ 120،000 ވެހިކަލްގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން އެ ކުންފުންޏަށް 68 މިލިއަނަށް ވުރެން ގިނަ ރުފިޔާ އަދި އޭގެ ފަހުން ވެސް އެ ކުންފުންޏަށް އެ މަސައްކަތުން ފައިދާވާ ގޮތަށް އޭސީސީން ބުނެފައިވެއެވެ.

އަޅުގަނޑަށް ހަމަލާ ދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން: ޝިމާޒް

މި މައްސަލައިގައި އޭސީސީން ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޝިމާޒް މަގާމުން ވަކިކޮށްދޭން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން ދާދި ފަހުން އެދިވަޑައިގެންފައިވެއެވެ.

ރައީސް އޮފީހަށް ފޮނުވި ސިޓީގައި ނަހުލާ ވަނީ، ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް ނަހުލާ ވަނީ ތުހުމަތުކުރައްވާފައެވެ.

ޝިމާޒަށް ހަމަލާ ދިނުމުގައި ނަހުލާގެ ބައިވެރިވުން އޮތް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ އެކަން ޖުމްހޫރީ ޕާޓީން ވަނީ ދޮގުކޮށްފައެވެ.