ގަތަރުގައި ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ހާއްސަކޮށްފައިވާ ދަނޑުތަކުގައި ހަރުކޮށްފައި ހުންނަ އޭސީތަކުން ކުޅުންތެރިން ބަލިވާ ކަމަށް ބްރެޒިލްގެ ވިންގަ އެންޓޮނީ ބުނެފިއެވެ.

ގްރޫޕް ޖީގައި ހިމެނޭ ބްރެޒިލް މިދިޔަ ހޯމަ ދުވަހުގެރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެންޓޮނީ ހިމެނޭ ގޮތަށް ބްރެޒިލްގެ ބައެއް ކުޅުންތެރިން ހުން އައިސްގެން ފަރިތަކުރުންތަކުގައި ބައިވެރި ނުވެއެވެ.

އެކަމަކު، ބްރެޒިލް އިން ވަނީ ސްވިޒަލެންޑް 1-0 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

އެންޓޮނީ ބުނީ އެ ޓީމުގެ ކުޅުންތެރިން ކެއްސުމާޢި ކަރުގައި ރިއްސުން ފަދަ ކަންކަން ދިމާވެފައި ވަނީ ދަނޑުތަކުގައި ހުންނަ އޭސީތަކުގެ ސަބަބުން ކަމަށެވެ. ސްވިޒަލެންޑާއި ސާބިއާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި އެންޓޮނީ ކުޅެން އަރުވާފައި ވަނީ ފަހު ހާފްގައެވެ.

އެންޓޮނީ ބުނީ ސްވިޒަލެންޑް މެޗަށް ތައްޔާރުވާން ވެގެން ފަރިތަކުރުންތަކުގައި ބައިވެރިވާން ބެލި އިރު، އޭނާގެ ހާލު އޭރު ރަނގަޅު ނޫން ކަމަށެވެ.

"އަހަރެންނަށް ކުޑަކޮށް އުނދަގޫވި، އަހަރެންނަށް ދިމާވީ އުނދަގޫ ދުވަސްތަކެއް،" އުމުރުން 22 އަހަރުގެ އެންޓޮނީ ކިޔައި ދިނެވެ.

އެންޓޮނީ ބުނީ އޭނާ މިހާރު މަސައްކަތް ކުރަނީ %100 ފިޓްވުމަށް ކަމަށެވެ. އަދި މި ހުރިހާ ކަމެއްވީ ސްޓޭޑިއަމްތަކުގައި ހަރުކޮށްފައި ހުންނަ އޭސީގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެކަންޏެއް ނޫން. އެކަމަކު އެހެން ކުޅުންތެރިން ވެސް ކެއްސުމާއި ކަރަށް އުނދަގޫވުން ދިމާވި. އަހަރެން ބަލިވީމަ އުޅެން ޖެހެނީ ވަރަށް އުނދަގޫކޮށް، އެކަމަކު، އަހަރެންނަށް ޓީމުގައި ބައިވެރިވެވޭތޯ މި ހުރީ ވަރަށް އުފަލުން،" އެންޓޮނީ ބުންޏެވެ.

އެންޓޮނީގެ އިތުރުން ވެސްޓްހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ ލޫކަސް ޕަކެޓާ އާއި ލިވަޕޫލަށް ކުޅޭ ގޯލް ކީޕަރު އެލިސަން އަށް ވެސް މި މައްސަލަ ދިމާވެފައިވެއެވެ.

ގަތަރުން މިފަހަރު ވަނީ ވޯލްޑް ކަޕަށް ހާއްސަކޮށްގެން އަށް ސްޓޭޑިއަމް ތައްޔާރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ސްޓޭޑިއަމްތަކަކީ މުޅިން އަލަށް ބިނާކޮށްފައިވާ ސްޓޭޑިއަމްތަކެކެވެ.

ބްރެޒިލް ގްރޫޕްގެ ފަހު މެޗުގައި ހުކުރު ދުވަހުގެރޭ ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އހ

    އޭސީ ސްޓޭޑިއަމަކަށް އަލަށް ވަދެވުނީމާ ވާނީ ތިހެން

  2. ޗަކޮއި

    އެންތޯނީއެވެ. ރަށުގަ މަގުތައްމަތީ ބޯޅަކުޅެންއުޅެ ތިމާއަށް ހުނަރެއްދަސްވެ، އޯވަރނައިޓަކުން ސްޓަރ އަކަށްވާ މީހުންނަށް ގިނަފަހަރު ތިމާގެ ފެންވަރު އޮޅެއެވެ. ބަލިވަނީކީ އޭސީގެ ސަބަބުން ނޫނޭވެ. ބަލިވާނެ މާހައުލު ބަދަލުވިޔަަސް. އެހެންވިޔާ އެންތޯނީމެންއަށް ބްރެޒިލް ގަނޫނީ ބޯޅަ ނުކުޅެވޭނެ ދޯއެވެ؟ ޔޫރަޕްގެ ގައުމުތަކުގައި އެންތޯނީމެން ތިހާބަލިވަންޏާ ބޯޅަކުޅޭނީ ކިހިނަކުންހެއްޔެވެ؟ ނޫނެކެވެ.ވާގޮތަކީ އެންތޯނީ މެންއަކީ އެހާ މަޝްހޫރު ބައެއްނޫންވީމަ ، ވޯލްޑްކަޕެއް ނިމެންދާއިރު ކޮންމެވެސް އަނގައެއް ތަޅައިގެންވިޔަސް ތިމާއަކީވެސް އުޅޭމީހެއްކަންދައްކައި ސަމާލުކަންހޯދަން ބޭނުންވަނީއެވެ.
    ތިޔަތާކުޅެން ބޭނުންނުވެ، ތިޔަހާ ހާސަރު ދިގުވަންޏާއި އަވަހަށް ރަށަށް އަންނަގަ.
    ވެދުން ސަލާމް
    އެންތޯނީގެ ގޭދޮށު ދޯސްތު. ޗަކޮއި

  3. ހިމަ އަހުމަދު

    ދެންކީއްވެ ސުވިޒަލެންޑް މެޗުން މޮޅުވީ؟ ދައްކާ ވާހަކަ ދިމައެއް ނުވޭ

  4. ޢަލިބެ

    ތިމީހުން ރަށު ސުޓޭޑިއަމްތަކުގަ އޭސީ ހަރުކޮށް ގެން ފަރިތަކުރޭ އެއިރުން އޭސީ ތަކަށް ފިޓުވާނީ
    ޢާކޮޅުގަ ތިހެން ވާނެ

  5. ރަން ރީނދޫ

    އެންތަނީ މެނަށް ރަނގަޅު އެއް ގޮތެއްވެސް ނޯންނާނެ. ކަލޭ ހޫނުވާނެއޭ ކިޔާ ހޭރުނުވަރުން އޭސީ ކުރީ،މިހާރު ހުންއައިމަ ގޯސް މިވީ އޭސީ.
    ކީއްވެ ތަ ބުނަން ނުކެރިގެން ތިއުޅެނީ ،މެޗު ގެ ކުރިން ބިރުން ހުން އަންނަނީއޭ.