ރާއްޖޭގެ އުތުރުގެ މަސްވެރިކަން ކުރި ނާރަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ސަރުކާރުން ނުދެއްކުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ޔާސިރް ކުރެއްވި ޓްވީޓެއްގައި ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރި އާއިލާތަކަށް އަރިސް ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ އުތުރުގެ މަސްވެރިކަން ކުރި ނާރަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން ކަމަށެވެ.

"މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިގްތިސާދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެ." ޔާސިރް ވިދާޅުވިއެވެ.

ދެކުނުގެ މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބި މަސް ނުކިރިގެން ވަރަށް ގިނަ ދުވަހު ތިބެން ޖެހޭ މައްސަލަ ވަރަށް ބޮޑެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަށް މި ސަރުކާރުން ވަނީ ވައުދުވެފައެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ތެލާއި އައިސް ދަތިކަމެއް ނެތި ފޯރުކޮށްދޭނެ ކަމަށް ވެސް ވައުދުވެފައި ވެއެވެ. ނަމަވެސް މަސްވެރިންގެ ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް އަދިވެސް ފުއްދައިދެވިފައި ނުވާ ކަމެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަރެސްމާތޮޑާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނގަގަދަ މިތުރު

    ކުޅުދުއްފުށީގައި ހިންގާ ހުރިހާ މަޝްރޫޢަކުން ޔާސިރަށް ކަޓްލިބޭނޭގޮތް ދައްކައިދީފަ އޮތީމަ ކަރަޕްޝަން ކުރިއަރައިފިއެއްނު. ލަދުގެ ކަންފުޅެއްވެސް މި ކަލޭގެ ނެތެއްނު ރައްޔިތުންނަށް ދޮގު ހުވަފެން ދައްކައިގެން މެންބަރު ކަމަށް އައިސްހުރެ އަނގަފުޅާކުރާއިރު. މަސްވެރިންނަށް އެމްޑީޕީން ވީ ދޮގުވަޢުދުގައި ޔާސިރުވެސް ބައިވެރިވޭ. ޖަވާބުދާރީ ވާންޖެހޭނެ ކަލޭ.