ޔޯގާ ހަމަނުޖެހުމުގައި ސަރުކާރު އިދިކޮޅު ޕީޕީއެމްގެ ބައިވެރިވުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލަޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމުގައި ޕީޕީއެމްއިން ބައިވެރިވިކަމަށް އޮތީ ވަރަށް ބޮޑު ތުހުމަތު ކުރެވިފައެވެ.

ނަމަވެސް އެންމެ ކުރިއްސުރެ ވެސް ޕީޕީއެމްއިން ދިޔައީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

އަދި އެ މައްސަލައިގައި ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހައްޔަރުކުރިއެވެ.

އެ މައްސަލަ ދިގުލައިގެން ގޮސް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ވެސް އެ މައްސަލަ ދިޔައީ ބަލަމުން ނެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނީ ޕީޕީއެމްގެ ދައުރެއް ޔޯގާގެ މައްސަލައިގައި އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމުޝަންސްގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ޕީޕީއެމްގެ ދައުރެއް އޮތް ކަމަށް ފާހަގަވެފައި ނުވާ ކަމަށާއި އަދި އެ ހަރަކާތުގައި ޕީޕީއެމްގެ އިސް ބަޔަކު އުޅުނު ނަމަވެސް އެއީ ޕީޕީއެމްއިން ތާއިދު ކުރާ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ މައްޗަށް ތުހުމަތުތައް ބޮޑަށް ކުރެވުނީ ޔޯގާ ހުއްޓުވަން އުޅުނު މީހުން ޕީޕިއެމްގެ އޮފީހުން ދިދަތައް ގެންދިއުމުންނެވެ.

ޔޯގާ ކުރަމުން ދަނިކޮށް ބަޔަކު ވަދެގަރޫ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ގޮހެވެ. އެ މައްސަލައިގައި 20 އަށްވުރެ ގިނަ މީހުން ހައްޔަރުވެސް ކުރި އެވެ.