މިދިޔަ އަހަރުގެ ޖޫން މަހު އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ހިންގި ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުންތަކާއި ގުޅޭ ގޮތުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާ ކުރެއްވަން ނިންމެވި ސުވާލު އަނބުރާ ގެންދެވީ އެ މައްސަލައިގެ މުއާމަލާތް ކެނޑިފައިވާތީ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު، މަހުލޫފްއާ ކުރަން ހުށަހެޅުއްވި ސުވާލަށް ޖަވާބު ދިނުން އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ.

ނަޝީދުގެ ސުވާލުގައި ބުނެފައިވާ ގޮތުގައި ގަލޮޅު ދަނޑުގައި ހިނގާ ދިޔަ ޔޯގާގެ ހަރަކާތަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ފުށޫއަރާ ހަރަކާތަކަށްވާއިރު އެ ހަރަކާތް ބާއްވަން އުޅުނު އިރުވެސް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރައްޔިތުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުން ކަމަށެވެ.

އެހެންކަމުން އެތަކެއް ޒުވާނުންތަކެއް އެތަނުގައި މުޒާހަރާކުރާކަން އެނގިހުރެ އެތަނަށް ބޭރުގެ ޑިޕްލޮމެޓުން ގެނައީ ކޮން ބޭނުމަކުތޯ ނަޝީދު ހުށަހެޅުއްވި ސުވާލުގައި ވެއެވެ.

އެހެން ނަމަވެސް އެ ސުވާލު އަނބުރާ ގެންދަވާފައި ވާތީ އެ ސުވާލަަށް ޖަވާބު ދިނުން އެޖެންޑާއިން ފަހުން އުނިކޮށްފައިވާ ކަމަށް އިއްޔެ މަޖިލިސް ފައްޓަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ސުވާލު އަނބުރާ ގެންދިޔަ ސަބަބާ ގުޅޭ ގޮތުން ނަޝީދު (މޮސްޓާ)އާ "ވަގުތު"އިން ސުވާލު ކުުރުމުން އޭނާ ވިދާޅުވީ އެ ސުވާލު ހުށަހެޅުއްވީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގައި މިދިޔަ އޮކްޓޫބަރު މަހު ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ އެޖެންޑާ ކުރެވުނީ އިއްޔެގެ ޖަލްސާއަށް ކަމަށް ވިދާޅުވިއެވެ. އެކަމަކު މިހާރު ދެން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުން މާބޮޑަށް ވެސް ލަސްވެ މުއާމަލާތްވެސް ކެނޑިފައިވުމާއެކު އެ ސުވާލު އެޖެންޑާ ކުރިކަން އެނގުމާއެކު ސުވާލަން އަނބުރާ ގެންދެވަން އެދިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސުވާލު ނެގުމަށް އެއްވެސް ޕްރެޝަރެއް ނާންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިމިގެން ދިޔަ ދައުރާއި އަދި މި ދައުރުގައި ވެސް ބައެއް ދުވަސް ދުވަހު މަޖިލީހުގައި ކަމެއް ނެތިގެން ޖަލްސާތައް ކުރުކޮށްލި އިރު ވެސް އެެ ސުވާލު އެޖެންޑާ ނުކުރުމުން ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ޔޯގާ ކުރަމުން ދަނިކޮށް ބަޔަކު ވަދެގަތީ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ގޮހެވެ. އެ މައްސަލައިގައި 20 އަށްވުރެ ގިނަ މީހުން ހައްޔަރުވެސް ކުރި އެވެ.

އެ މައްސަަލައިގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފައިވާ އިރު ބައެއް މީހުންގެ މައްސަލަ އޮތީ ޝަރީއަތުގައެވެ.