ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސޮއިކޮށްފިއެވެ.

ސިޔާމަކީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއި ކޯލިޝަން ހައްދަވާނެކަން ހާމަކުރައްވާފައިވާ އެމްޑީއޭގެ ރައީސް އެވެ. ކާށިދޫ ދާއިރާގެ މެންބަރު ޖާބިރާއި ނޮޅިވަރަން ދާއިރާގެ މެންބަރު މޮސްޓާ އަކީ މިނިވަން ދެމެންބަރުންނެވެ. ނަމަވެސް މޮސްޓާ އަކީ ސަރުކާރާއި ގާތް ގުޅުމެއް އޮންނަ އަދި ނަޝީދަށް އާއްމުކޮށް ވަރަށް ގިނައިން ފާޑުވިދާޅުވާ ބޭފުޅެކެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ, ރައީސް ނަޝީދު މަގާމުން ވަކިކުރަން މަޖިލީހަށް ވައްދާނީ 44 މެމްބަރުންގެ ސޮއި ހަމަވުމުން ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ, މަޖިލިސް ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރަން ގަޑިއިރެއްގެ ތެރޭގައި 44 މެންބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށާއި، އަދި އިތުރަށް ސޮއި ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ދުރުކުރަން މިހާރު 50 އަށް ވުރެ ގިނަ މެންބަރުން ސޮއި ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަޝީދު ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރަން ވެސް މިހާރު ވަނީ 50 މެމްބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިފައެވެ.