ރިޝްވަތުގައި މީހުން ހިފަނީ އީމާންތެރިކަން ބަލިކަށިކަމުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ރިޝްވަތާއި ކޮރަޕްޝަންގެ ވައްތަރުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ހަދިޔާގެ ގޮތުގައި ވެސް ރިޝްވަތުދޭ ކަމަށެވެ. ހަމަ އެހެންމެ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުކުމްފުޅުތައް ގާއިމުވެ ނުދިޔަމަށްވެސް ރިޝްވަތު ދެމުންދާ ކަން ފާހަގަ ކުރި އެވެ.

"ޒިނޭގެ މައްސަލަތަކުގަޔާއި ވައްކަމުގެ މައްސަލަތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށްތައް ކުރެވި ބަންދުކުރެވިފައިވާ މީސް މީހުންގެ އަތުން ހަދިޔާގެ ނަމުގައި އެއްވެސް އެއްޗެއް އަތުލުން ހުއްދައެއް ނުވާނެ އެވެ. އަދި ސަރުކާރުގެ މަގާމުތަކާ ހަވާލުވެގެން ތިބޭ މުވައްޒަފުން އެކިއެކި މަންފާތައް ހޯދުމަށް ދެވޭ ތަކެއްޗަކީ ކޮންމެ ނަމެއް ކިޔަސް ހަމަ ރިޝްވަތެވެ." މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭގެ އެއް ސަބަބަކީ މީހުންގެ އީމާންތެރިކަން ބަލިކަށިވުން ކަމަށް ބުނެފައި ވެއެވެ. އަދި ރިޒްގު ދެއްވާ ފަރާތަކީ މާތް ﷲ ކަމަށް ގަބޫލުނުކުރުމާއި ﷲ ހަރާމްކުރައްވާފައިވާ ގޮތް ގޮތުން ފައިސާއާއި ތަކެތި ހޯދި ކަމުގައި ވިޔަސް އެތަކެތީގައި ބަރަކާތެއް ނުހުންނާނެ ކަމަށާއި އެގޮތަށް އުޅެން ވެއްޖެނަމަ މުޅި އުމުރުގައި ވެސް އުޅެން ޖެހޭނީ އެގޮތަށް ކަމަށް ހިތަށް ނާރުވާ ކަމަށެވެ.

ދެވަނަ ސަބަބަކީ ތިމާއަށް ލިބޭ މިންވަރަށް ޝުކުރު ނުކުރުމާއި އަދި ތިމާއަށް ވުރެ ތަނަވަސް މީހުން އުޅޭ ގޮތަށް އުޅެއް ބޭނުންވުން ކަމަށެވެ.

"މިންވަރަށް އީމާން ނުވެވުމެވެ. މާ އަވަހަށް މުއްސަނދިވާން ބޭނުންވުމެވެ. އެ މީހަކަށް ލިބޭ އާމްދަނީ މަދުވުމަކީ އެއްވެސް މީހަކު ރިޝްވަތުބ ހިފުމަށް ނުވަތަ ނުވަތަ ދީނުގައި ހަރާމްކުރައްވާފައިވާ އެ ނޫންވެސް ކަންތައްތައް އަރައިގަތުމަށް އޮތް އުޒުރެއް ނޫނެވެ. ރިޝްވަތު އަތުލާ މީހުންނަށް އާހިރަތުގެ އަޒާބުގެ އިތުރަށް އެފަދަ މީހުންނަކީ ދުނިޔޭގައި ވެސް މީސްތަކުގެ ލައުނަތާއި ނުރުހުމާއި މަލާމާތް ލިބޭނެ ބައެއްކަން އަހަރުމެން ދަންނަން ޖެހެއެވެ. ﷲގެ މިންވަރުފުޅަށް އީމާންވެ އެ މީހެއްގެ އަމަލުތައް އިސްލާހުކޮށް އިއްޒަތުގެ ނަފްސު ރައްކާތެރިކުރުމާއެކު އެ މީހެއްގެ ރިޒްގު ތަނަވަސް ކޮށްދިނުމަށް އެެދި ﷲގެ ހަޒްރަތުގައު ދުއާ ދަންނަވަން ޖެހެ އެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    އެންމެ ގިނައިން ރިޝްވަތު ހިފަނީ މިސަރުކާރުންނެވެ. އިސްލާމިކް މިނިސްޓްރީގައިވެސް ގިނައީ ތިމީހުންނެވެ. ޚުތުބާދޭން އަރާފަތިހުރިމީހާވެސް ނޭގޭ ނުހިފާކަމެއް ވަﷲ އައުލަމް

  2. Anonymous

    އީމާންތެރިކަން އެންމެ ބަލިކަށި މީހުންނަކީ ގާޒީން. ތިން ގާޒީންގެ ތެރެއިން ދެ ގާޒީން ނަރަކައަށް ދާނެ ކަމަށް ޙަދީޘްފުޅެއްގައި އޮވޭ. ބައެއް ގާޒީން ބުނަނީ ތިމަންމެންނަކީ ނަރަކައަށް ދާން ތިބި ބަޔެކޭ، ވީމާ ރިޝްވަތާއި ވަތުބަތާއި ކައިގެން ދެވެން އޮތް ތަނަކަށް ދާންވީއޭ. ހުކުމް ކުރަންޖެހެނީ ނުފޫޒު ފޯރުވާ ސިޔާސީ މީހުން ބުނާ ގޮތަށޭ. ތިމަންމެންނަށް އެއް ކޮޅަކުން ވެސް ސަލާމަތެއް ނެތޭ.

  3. އައްނި

    ވަޒީފާލިބޭހިސާބުން މުސާރަފިޔަވާ ދެންލިބިގަންނަކޮންމެއެއްޗެއް ރިސްވަތައް ވާނެއެވެ ލިބޭކޮންމެ