މަދަރުސާތަކުން އިސްލާމީ އަގީދާ ހަރުދަނާކޮށްދޭ ނަމަ މުޅި އުންމަތް އަމާން ވެގެންދާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވަނީ ތައުލީމާއި ތަރަުބިއްޔަތުގެ މާތްކަމުގެ މައްޗަށެވެ.

ހުތުބާގައި ވިދާޅުވީ އިސްލާމް ދީނަކީ އިލްމުގެ ދީން ކަމަށާއި އަދި އިސްލާމީ ރިސާލަތު ފެށުނީ ވެސް ކިޔެވުމަށް ކުރި އަމުރުފުޅުން ކަމަށެވެ.

ހަމަ އެހެންމެ ކީރިތި ރަސޫލާ އިސްލާމީ މުޖުތަމައު ތައުލީމު ފެތުރުއްވުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެގޮތުން ސީދާ ރަސޫލާ އެކަމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ހޭލުންތެރި އިލްމުވެރި އަދި އުފެއްދުންތެރި އުއްމަތެއް ބިނާވެެގެން ދިޔަކަން ފާހަގަކޮށްފައި ވެއެވެ.

"ޔުނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި އިލްމުތައް ތަރުޖަމާ ކުރުމާއި ފޮތްތައް އެކުލަވާލައި ޝާއިއު ކުރުމާއި އާ އީޖާދުތަކެއް ކުރި ވަރުގަދަ ހަޟާރާތެއް އުފެދުނެވެ. މި އުފެއްދުންތެރިކަމުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވިއެވެ. ސިކުނޑިތައް ހުޅުވުނެވެ. ސުލްހަ މަސަލަސްކަން ގާއިމްވިއެވެ. ބައިބައިވުމެއް ނެތް ތައައްސުބެއް ނެތް އަހުވަންތަ އިންސާނީ މާހައުލެއްގައި އެންމެނަށް ދިރިއުޅެވުނެވެ." ހުތުބާގައި ވިދާޅުވެފައި ވެއެވެ.

މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި އަދި ތަނަވަސްކޮށްދީފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މިއަދުގެ ހުތުބާގައި އިލްތިމާސްވެސް ކޮށްފައި ވެއެވެ. އަދި އެ އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހުވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަ ޖެހުމާއި ގައުމަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައި ވެއެވެ.

"އިސްލާމް ދީނާއި ވަތަނަށްޓަކައި ގުރުބާންވާން ކެރޭ ބަޔަކަށްވުމަށް ތިޔަ ކުދިންގެ ހަށިތަކާއި ނަފްސުތައް ހާނުވައި ތައްޔާރު ކުރާށެވެ. އިސްލާމް ދީނާއި މި ދިވެހި ގައުމު ދެކެ ލޯބިވާ ދަރިންނަށް ވާށެވެ." ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ހުތުބާގައި ވިދާޅުވީ މަދަރުސާއަކީ ދަރިންގެ ދެވަނަ ހިޔާވަހި ކަމަށާއި އެ ކުދިންގެ ހިތްތަކުގައި އިސްލާމީ އަގިދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ވެސް ބިނާ ކުރާ ތަން ކަމަށެވެ.

އެހެންކަމުން މަދަރުސާއިން އެ ދައުރު ފުރިހަމައަށް އަދާކޮށްފިނަމަ މުޅި އުއްމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމަށާއި އަދި ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ ފާގަތިކަން އާންމުވާނެ ކަމަށެވެ.

"މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ މަދަރުސާއާ ބެލެނިވެރިން ގުޅި ލާމެހިގެންނެވެ. އެ ދެ ފަރާތުގެ ލަނޑުދަނޑިތަކާއި އުއްމީދުތައް އެކައްޗަކަށް ހަދައިގެން ނެވެ" ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބައޮ

    މަދުރަސާތަކުގައި އިސްލާމީ އަޤީދާއާއި އިސްލާމީ އަޚުލާޤާއި އުސޫލުތައް ކިޔަވައިދީ ޕްރެކްޓިސްކުރުވާނެކަމުގެ ވައުދުވެފައިވަނީ ހަމައެކަނި ޢުމަރު ނަސީރު. އެހެންވީމާ އަހަރެން ވޯޓު ދޭނީ ކެންޑިޑޭޓު ނަންބަރު އެކެއް ޢުމަރު ނަސީރަށް.

    • ކިއުން ތެރިއެއް

      ނަށީދު އާ ގާސިމު އެންޑޯސް ކޮށް، މިގައުމު ހިންގަން ލާފަ މިހުރި، އެއްވެސަ ޟަހުސިއްޔަތެއް ނެޠް، ނުކިޔަވާ ހުރި ޖާހިލު އިބޫ އަށް މިގައުމުގެ ވެރިކަމުގެ ދެވަނަ ދައުރެއް ނުދޭންވާ އެތައް ބައިވަރު ސަބަބު ތެރެއިން އެއް ސަބަބު މިއީ ވެސް.

  2. ރާއްޖެ

    އިސްލާމް މާއްދާއޮންނަނީ ވަކި މާއްދާއެއްގެ ގޮތުގައި. އިސްލާމް ފޮތްތަކުގައި ބުނާ އެއްޗަކާ ސްކޫލުތަކުގައި ކުރިޔަށް ގެންދެވޭ ބައެއް ޕްރޮގްރާމްތަކުގެ މަޤުޞަދުތަކާ ދިމާ ނުވޭ..ސީދާ ދީނާއި ޤައުމިއްޔަތާއި ދުރު ވިސްނުންތައް ގެނުވާނެ ހަރަކާތްތައް ބައިވަރު. އަޅުކަން އެއީ ފަހުގެ ކަމެއް. ފުރަތަމަ ސަމާލުކަންދެނީ ޙަރަކާތްތަކަށް. އެއިން ކަމެއްގެ ވާހަކަ ދައްކައިފިނަމަ އެއީ ހަރުކަށި މީހެއް. ސިފަތައް ހަރުލެއްވުން މަތިކޮށްފައި ވަނީ ނުވަތަ ލޭބަލް ކުަރަނީ އިސްލާމް ޤުރްއާން ޓީޗަރުންނަށް. ނަމަވެސް މިއީ މުޅި ތަޢުލީމީ ދާއިރާ އެކަތިގަނޑަކަށް ވެގެން ތަންފީޒު ކުރަންޖެހޭ ކަމެއް. ސިލަބަހުގައި ލިޔެވިފައި ހުރި ކަންކަން ބައިވަރު..އެކަމަކު ތަންފީޒީ މަރުޙަލާ ބޮއްސުންލަނީ.. އެކަމަށް ޚިޔާލެއް ދީފިނަމަ ނުވަތަ ކަންބޮޑުވެގެން ވާހަކަ ދައްކައިފިނަމަ އެފަދަ ޓީޗަރަކު އެކަހެރި ކޮއްލަނީ. މަންހަޖު ތަންފީޒު ކުރަން ހުރަސްއަޅަނީ.. މަންހަޖު ތަންފީޒު ކުރުމުގައި ޢަޤީދާ ބަލިކަށި ކޮއްލާފަދަ ޙަރަކާތްތައް ހުރިނަމަ އެކަން ބަދަލު ކުރަންޖެހޭ.
    އެއްމެ މިސާލެއް، އަހަރެމެންނަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް. ޤުރްއާން މުޤައްރަރު އަންގައިދިނުމަށް ކްލާހަށް އޮންނަނީ ހަފުތާއަކު 2 ގަޑި، ޢަރަބިބަސް ކިޔަވައިދިނުމަށް އޮންނަނީ ހަފުތާއަކު 2 ގަޑި، އިސްލާމްގަޑިއަށް ހަފުތާއަކު 3 ގަޑި، ދެންބައްލަވާ އެހެން މާއްދާތަކަށް ކަނޑައަޅާފައިވާ ގަޑިތަކުގެ ޢަދަދު. ދީނީ ސިފަތައް ޢަޤީދާ ވަރަށްބޮޑަށް މިވަނީ ބަލިކަށިވެފައި. ނަމަވެސް ވާހަކަ ދައްކާއިރު މާނަކުރެވެނީ ދީނީ ޢަޤީދާ ފުރިހަމަވެ ނިމިފައިވާ ބަޔަކަށް އިތުރު އެހެން ކަންކަމަށް ބޮޑަށް އިސްކަން ދޭންޖެހޭ ކަމަށް.
    ޤައުމީ މަންހަޖު ތަންފީޒު ކުރުންކަމަށް ބައެއް ފަރާތްތަކަށް މާންކުރެވެނީ ދީނީ ކަންކަމުގެ ބަދަލުގައި ދުނިޔަވީގޮތުން ކުރިއަރައިގެންދާންޖެހޭ ސިފަތައް ހަރުލެއްވުމަށް.
    ދީނާއި ދުނިޔަވީ ސިފަތައް ހަރުލެއްވުމަށް ދީނީ ސިފަތަކާއި ފުށު ނާރާގޮތަށް ދުނިޔަވީ ސިފަތައް ހަރުލެއްވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ދީން އެެއްފަރާތް ކޮށްލުމަށްފަހު އެމީހަކު އެންމެ ބޮޑަށް ގަޔާވާ ނިޒާމުތަކަށް އިސްކަން ދެވޭތަން ގިނަ ފަހަރަށް ފެންނަނީ.
    މިއީ ޙަޤީޤަތެއްކަން ސްކޫލު ނިންމާފައި ނިކުންނަ ގިނަ ކުދިންގެ ކިބައިން ފެންނަމުން އެދަނީ.
    މިއީ ވަކި މާއްދާއެއްގެ މުދައްރިސުންގެ ބޮލުގައި އަޅުވަންޖެހޭ މައްސަލައެއްގެ ބަދަލުގައި ތަޢުލީމާއި ތަރުބިއްޔަތައި މުޅި ޤައުމު ޤައުމުގެ ނިޒާމުގެ މައްސަލައެއް. ޤައުމުގައި ތަންފީޒު ކުރެވޭ ކޮންމެ ކަމެއްވެސް ވާންޖެހޭނީ އިސްލާމީ އުޞޫލުތަކާއި ޚިލާފު ނުވަގޮތަށް. މުޅި މުޖުތަމަޢުގެ އަސަރުތައް ކުދިންގެ ކިބައިން މި ފެންނަނީ....

  3. ާހިމް

    އިސްލާމީ އަގީދާ ވަރުގަދަ ވާނީ ކިހިނެއް؟ މިހާރުވެސް އެއުޅެނީ އިނގިރޭސިން އިސްލާމް ކިޔަވައިދީ ބޭރު ޓީޗަރުންނާ ހަވާލުކުރަން އެކަން.

  4. Anonymous

    ހުތުބާގަ ދެއްކި ވާހަކަ އަޑުއެހިން..ހިތައްއެރީ އިސްލާމީ މިރާއްޖޭގެ މަދުރަސާތަކާއި މުދައްރިސުންގެ މައްޗައް ވަރަށް ވަރުގަދަ ބާރެއް ދީފަ އޮތްހެން!..ކަންއޮތީ އަދި ކަން ހިގަނީ އެހެންތޯ ހިތައްއެރި..

  5. އއ

    ސިޔާސީނިޒާމްގަ މުޅި ގައުމުގަ ދީނީ އިލްމޭ ކިޔާމީހުންގެ މުޅިން ދޮގު ކޮރަޕްޝަން !! ދީނޭ ނުކިޔާ !

  6. ރާޝިދާ

    މިހިރަފެންނަނީ އެންޑީޕީ މެނިފަސްޓޯގައި އެއޮތީ އިސްލާމް މާއްދާ އިގިރޭސިން ކިޔަވާދިިނުން މީ މިނުބާ ސަރުކާރުގެ އަމާޒަލީ މިތަނުން އިސްލާމްދީން ފުހެލުން

  7. ޢާޒީ ސްކޫލް

    އިސްލާމް ކިޔަވަދޭ ޓީޗަރުން އުޅެނީ ދަރިވަރުން އޯލެވަލް އައް ތައްޔާރުކުރެވޭތޯ އަވަހައް ފޮތް ނިންމާލެވޭތޯ، ދަރިވަރުންނައް އެއްޗެއް ސާފުވާވަރައް ކިޔަވަ ނުދޭކަން އަޅުގަނޑު ދަރިވަރެއްގެ ހައިސިއްޔަތުން ފާގަކޮއްލަން

    1
    1