ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވެވޭނީ ފަރުޟް ނަމާދުތައް ކޮށް ފާފަތަކާ ދުރުވެގެން ކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވައި ވަނީ ހެޔޮކަމުގެ މައްޗަށެވެ.

ހުތުބާގައި ވިދާޅުވީ ކީރިތި ރަސޫލާ މީސްތަކުން ބައްސަވާފައި ވަނީ ދެ ބައެއްގެ މައްޗަށް ކަމަށެވެ. އެއް ބަޔަކީ ހެޔޮކަމަށް ގޮވާލާ އަދި ނުބައި ކަންކަން މަނާކުރާ މީހުން ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ބަޔަކީ ނުބައި ކަންކަމަށް ގޮވާލާ ހެޔޮ ކަންކަން މަނާ ކުރާ މީހުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށް ވުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މީހަކަށް ވުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހޭނެ ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ތިމާގެ އަމަލުތަކާއި ބަސްތަކުގައި އިހުލާސްތެރި ވާން ޖެހޭނެކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

"ތިމާ ކުރާ ކޮންމެ އަމަލެއް ބުނާ ކޮންމެ ބަހެއް މާތް ﷲއަށް ހާލިސް ކުރުމެވެ. މާތް ﷲ އަށް ހާލިސް ނުކުރާ އެއްވެސް އަމަލެއް ﷲ ގަބޫލުފުޅެއް ނުކުރައްވާނެ އެވެ" ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވެވޭނީ މާތް ﷲ ފަރުލު ކުރައްވާފައިވާ ނަމާދުތަކާއި ދީނުގެ އެހެން ފަރުލުތަކާއި ވާޖިބުތައް ބަރާބަރަށް އަދާކޮށް މުންކަރާތްތަކާއި ފާހިޝް އަމަލުތަކާއި ދުރުހެލިވުން ކަމަށެވެ.

"ﷲ ގެ އަމުރުފުޅާއި އެއްގޮތަށް އަމަލުކޮށް އެކަލާނގެއަށް ވެފައިވާ އަހުދަށް ވަފާތެރިވާ މީހާ ހެޔޮކަމުގެ ތަޅުދަނޑިއެއް ކަމުގައި ލައްވައި ނުބައި ކަމުގެ ތަޅުދަނޑިއެއް ކަމުގައި ލައްވާނެތެވެ. އެ ފަދަ މީހަކަށް މާތް ﷲ ދެއްވާނީ ހެޔޮކަމުގެ ހުރިހާ ދޮރުތަކެއް ހުޅުވާލެޥޭ މައި ތަޅުދަނޑި އެވެ" ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ މަތިވެރި އަހުލާގުގެ ވެރިއަކަށް ވާން ޖެހޭނެ ކަމަށެވެ. މަތިވެރި އަހުލާގުގެ ވެރިޔާ އޭނާގެ ފަސްބައި ހަޑި ހުތުރު އަމަލުތަކުން ކިލާ ކުރާކަށް ބޭނުމެއް ނުވާނެ ކަމަށެވެ.

"ރިވެތި އަހުލާގުގެ ވެރިއަކަށް ވެވޭނީ ރަނގަޅު އެކުވެރިންނާއެކު އުޅެގެން ނެވެ. ރަނގަޅު މަޖިލިސްތަކަށް ގޮސްގެން ނެވެ. މުއުމިނުންނަކީ ނުބައި މީހުންނާއެކު އުޅެވޭނެ ބައެއް ނޫނެވެ: ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ ހެޔޮ ކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ އެހެން މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދީ ތެދު މަގު ދައްކައި އުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.