ވިސްނާނުލައި އެއްވެސް ނަމޫނާއެއް ޒުވާނުން ނަކަލު ނުކުރަން މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުތުބާ މައިގަނޑ ގޮތެއްގައި އަލިއަޅުވާލައިފައި ވަނީ ހެޔޮ ނަމޫނާގެ ބޭނުންތެރިކަމުގެ މައްޗަށެވެ.

ހުތުބާގައި ވިދާޅުވީ މުސްލިމުންގެ ޝަހުސިއްޔަތު އޭގެ މަތީގައި ގާއިމުވެފައިވާ ތަނބުތަކުގެ ތެރޭގައި ރިވެތި ނަމޫނާ ހިމެނޭ ކަމަށެވެ. އަދި މާތް ﷲ ކީރިތި ރަސޫލާއަށް އެކަލޭގެފާނުގެ ކުރީގެ އަހުން ކަމަށްވާ ނަބީބޭކަލުން ނަމޫނާއަށް ބެލުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَއަކީ ހުރިހާ ކަމެއްގައި އަހަރުމެންނަށް ލިބިގެންވާ އެންމެ ހެޔޮ ނަމޫނާ ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ހުތުބާގައި ވިދާޅުވީ މުޖުތަމައުގެ ފަރުދުން ކިތަންމެ ރަނގަޅު ވިޔަސް އެ މީހުން ވެސް ތައުބާ ވާން ޖެހޭ ދިރިހުރި ނަމޫނާތަކެއް ބޭނުންވާނެ ކަމަށެވެ.

އެގޮތުން އިސްލާމީ އަގުތަކާއި އަހުލާގާއި ހުކުމްތަކާއި މީސްތަކުން ދުރުވަމުން ދިޔަ ވަރަކަށް ރަނގަޅު ނަމޫނާއަށް ބޭނުންވާ ވަރު ބޮޑުވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ނަމޫނާ ލިބޭނީ ބަހާއި އަމަލު އެއްގޮތް ކުރެވިގެން ކަމަށާއި ﷲ އަހަރުމެންނަށް ވަނީ ބަހާއި އަމަލު އެއްގޮތް ކުރުމަށް ވެސް އަންގަވާފައި ކަމަށް ހުތުބާގައި ވެއެވެ.

"އިސްލާމް ދީނަކީ ނަމޫނާގެ ދީނެވެ. ނަމޫނާއަކީ ވަރަށް ނުފޫޒު ގަދަ އެއްޗެކެވެ. އިސްލާމް ދީން މި ބިމުގެ ކަންކޮޅުތަކުގައި ފެތުރުނީ މުސްލިމުން ދެއްކި ރިވެތި ނަމޫނާގެ ސަބަބުން ނެވެ. މާތް ﷲ އަބުލްބަރަކާތު ޔޫސުޕް އަލް ބަރުބަރީ އަށް ރަހުމަތް ލައްވާށި އެވެ. ދިވެހީން އިސްލާމް ދީން ގަބޫލުކުރީ އެކަލޭގެފާނުެގ އިހުލާސްތެރި މަސައްކަތްޕުޅުން ނެވެ. އެއީ އެކަލޭގެފާނުގެ މުއްސަނދި ކަމަކުން ނޫނެވެ. ބާރުފުޅު ގަދަކަމަކުން ނޫނެެވެ. އެހެނަސް އެކަލޭގެފާނުގެ ރިވެހި އަހުލާގާއި ދީނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ސަބަބުން ނެވެ. މިއަދުވެސް އިސްލާމް ދީން ފެތުރެމުން ދަނީ އެ ދީނުގެ ފުރިހަމަކަމާއި މުސްލިމުން ދައްކާ ރިވެތި ނަމޫނާގެ ސަބަބުން ނެވެ" ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ކީރިތި ރަސޫލާގެ ދައުވަތުގައި ޒުވާނުން ތައްޔާރުކުރެއްވުމަށާއި އެ މީހުންގެ ޝަހުސިއްޔަތު ބިނާ ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވި ނަމަވެސް ޒުވާނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އަހަރުމެންގެ ކިބައިން އެ ކުދިންނަށް ހެޔޮ ނަމޫނާ ނުފެނުން ހިމެނޭ ކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

"ލޮބުވެތި ޒުވާނުންނޭވެ! ވިސްނާ ނުލައި އެއްވެސް ނަމޫނާއެއް ނަކަލު ނުކުރާށެވެ. ތިޔަ އިހުތިޔާރު ކުރާ ނަމޫނާއިން ކަނޑައެޅިގެން ދާނީ ހަމައެކަނި މި ދުނިޔޭގެ އަމަާޒެއް ނޫނެވެ. އާހިރަތް ލިބުމާއި ނުލިބުން ވެސް އޮތީ ތިބާ އިހުތިޔާރު ކުރާ ނަމޫނާގެ މަތީގަ އެވެ. ތިބާ ރިވެތި ނަމޫނާއަކަށް ވާށެވެ" ހުތުބާގައި ވިދާޅުވެފައި ވެއެވެ.