އޭ ލެވެލް ނުވަތަ މަތީ ސާނަވީ އިމްތިހާނު ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ސްކޮލަޝިޕްއެއް ދޭން މަޝްވަރާކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ،

ރާއްޖެއަށް ކަރަންޓުގެ ހިދުމަތަށް 73 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި އެ ސްކޮލަޝިޕް ދިނުމަށް މަޝްވަރާކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަފުޅުގައި ވަނީ ހަކަތައިގެ ދާއިރާއިން މީހުން އުފެއްދުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައިފަ އެވެ.

އެގޮތުން އެ ދައިރާގައި މުސްތަގުބަލުގައި ހަރަކާތްތެރިވާނެ ދިވެހިން އުފައްދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީިހުން ބިނާކޮށް ތައުލީމާއި ތަމްރީން ދިނުމަށް މިހާރު ވެސް ސްޓެލްކޯއިން ބޮޑު ހޭދައެއް ކުރަމުންދާކަން ޝަރީފް ފާހަގަކުރެއްވި އެވެ.

އެގޮތުން އެ ކުންފުނިން ހަތް މިލިއަން ރުފިޔާ އެކަންކަމަށް ހޭދަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކޮންމެވެސް ދެ ކުއްޖަކު؛ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު، އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދަނީ" އޭނާ ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯގެ ފަރާތުން ކޮންމެ އަހަރެއްގެ ތެރޭގައި 5 މިލިއަން - 6 މިލިއަނާއި ދޭތެރޭގެ އަދަދަކަށް އިޖްތިމާއީ ޒިންމާގެ ދަށުން ތަފާތު ރަށްތަކުގައި ތަރައްގީއަށް އަދި ރައްޔިތުންގެ މަސްލަހަތަށް ހިންގޭ ހަރަކާތްތަކަށް ހަރަދުކޮށްފައިވާނެ ކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 20 މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ރައްޔިތުންނަށް ސްޓެލްކޯއިން ހަރަދުކޮށްފައި ކަމަށާއި މިއީ ސްޓެލްކޯގެ ފަރާތުން ރައްޔިތުން ކަރަންޓުގެ އަގަށް ދައްކާ ފައިސާއިން ހިލޭ ކޮށްދޭ ހަރަދުތަކެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.