ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމަށް އެހީވެދޭ ސްކީމެއް ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އެކަން ހާމަކުރީ ރާއްޖޭގެ ކަރަންޓްގެ ހިދުމަތަށް 73 އަހަރު ފުރުމާ ގުޅިގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް އެވެ.

ޝަރީފްގެ ވާހަކަފުޅުގައި ވަނީ ނިމިގެން ދިޔަ ސަރުކާރުގައި ސްޓެލްކޯއިން ހުޅުމާލެ ފޭސް ދޭއްގައި އަޅަން ފަށައި މި ސަރުކާރުން ނިންމި ފްލެޓްތަކަށް އަލި އަޅުވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެއީ ސްޓެލްކޯއިން މިހާތަނަށް ހިންގި އެންމެ ކާމިޔާބު ހައުސިން ޕްރޮޖެކްޓް ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ސްޓެލްކޯގެ ގިނަ މުވައްޒަފުންތަކަށް ފްލެޓް ލިބުނު އިރު ނުލިބޭ މުވައްޒަފުންނަށް ވެސް ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވެދޭ ސްކީމެއް ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކުރިމަގުގައި ސްޓެލްކޯގެ ސްޓާފުންނަށް ތަފާތު އެހެން ފަރާތްތަކުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ އަޅުގަނޑުމެން ވަރަށް އަވަހަށް ފޯމިއުލޭޓްކޮށް ނިންމުމަށް ފަހު ސްޓާފުންގެ ސްކީމެއް ތައާރަފްކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން ފްލެޓްތައް ލިބުނު މުވައްޒަފުން ފައިސާ ދައްކަން ޖެހޭ މުއްދަތަށް ވެސް މިހާރު ވަނީ ލުއި ދީފަ އެވެ. ކުރިން 18 އަހަރުން އެ ފައިސާ ދައްކަން ޖެހޭއިރު ދެން އެ ފައިސާ 25 އަހަރުންވެސް ދެއްކޭނެ އެވެ.

ސްޓެލްކޯއިން ފޭސް ދޭއްގައި އެޅި ފްލެޓްތައް ހަވާލުކުރަން ފެށީ މިދިޔަ އޮގަސްޓު މަހުގެ ހަވަނަ ދުވަހު އެވެ.

ސްޓެލްކޯއިން އެޅި ދެ ޓަވަރުގައި 360 އެޕާޓްމަންޓް ހިމެނޭ އިރު އެއް ކޮޓަރީގެ 72 އެޕާޓްމަންޓަށާއި ދެ ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓް ހިމެނެއެވެ.

ޝަރީފް ކުރިން ވިދާޅުވީ ޝަރީފް ސްޓެލްކޯގެ ފްލެޓްތަކަށް ޖުމްލަ 692 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި ނަމަވެސް މުވައްޒަފުންނަށް މާލީ ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން މުވައްޒަފުންގެ އަތުން ނަގަން ނިންމާފައި ވަނީ 623 މިލިއަން ރުފިޔާ ކަމަށެވެ. އަދި ބާކީ ފައިސާގެ ކަންކަން ހަމަޖައްސާނީ ސްޓެލްކޯއިން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 2023 ގުޑުގުޑުބައި.

    ތިޔަ އިމާރާތަކީވެސް އިއްޔެ ކަލޭމެން ހަރާމް ހުކުމް ކުރި ޒައީމް ރައީސް ޔާމީނުގެ ދައުރުގައި ފައްޓަވާފައިވާ މަޝްރޫއުގެ ތެރެއިން އެއްއިމާރާތެވެ. ތިޔަ ކަހަލަ ކިތައްމެ އިމާރާތެއް މިއަދު ވުޖޫދުވެފައިނެތީ ރައީސްގެ ނާގާބިލުކަމާއި ހަމައެފަދައިން އޭނާގެ ކެބިނެޓްގެ ބަރަހެލި ދުވެލީގެ ސަބަބުންނެވެ.