ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 491 ވީލްޗެއާ ރޭމްޕް ގާއިމްކޮށްފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެގެން އަންނަ އިރު އެ އަވަށުގައި ދިރިއުޅެމުންދާ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތް ކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް އެ ކޯޕަރޭޝަންގެ ފަރާތުން ގެންނަމުންދާ ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

"ހުޅުމާލެ ފޭސް އެކެއްގައި ވެސް ގިނަ ބަޔަކު ދިރިއުޅެމުންދާ އިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ފޭސް އެކެއްގައި އެކި ސަރަހައްދުތަކުގައި 491 ވީލްޗެއާ ރޭމްޕް ވަނީ ގާއިމުކުރެވިފައި." އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަ ކަމުން ހިޔާ ފުލެޓްގައި ރޭމްޕް ގާއިމުކޮށްފައިވެއެވެ. އެގޮތުން ކޮންމެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަކޮށް ރޭމްޕް ހުރެއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕް ގާއިމުކުރުމުގެ ސަބަބުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީއާ ނުލާ ވެސް ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކޮށްލެވޭނެ ކަމަށާއި މިކަމުގެ ސަބަބުން އެ ފަރާތްތަކަށް ވެސް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑު ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެގޮތުން، އެ ކޯޕަރޭޝަނުން އަބަދުވެސް އެ ފަރާތްތައް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައިވެއެވެ.

އަދި މިހާރު ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައި ވެސް ވީލްޗެއާ ރޭމްޕް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.