ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ގޯސް ކަމަށް ނިންމައި ސިވިލް ކޯޓުން އެ ނިންމުން ބާތިލްކޮށްފިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ. މީގެތެރެއިން ޝަމީމާއި ޝަރީފާއި ދާއޫދު އަދިވެސް ތިބީ ވަޒީފާގައެވެ. އެއީ އެ ބޭފުޅުން ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން ކޯޓުން ވަގުތީ ގޮތުން ހުއްޓުވާފައިވާތީއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ ގާނޫނުގައި ޕޮލިސް ބޯޑާ މަތިކޮށްފައި އޮތް ޒިންމާއަކީ ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރު ފިޔަވައި، ސުޕްރިޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުތަކުގެ އޮފިސަރުން، ފުލުހުންނަށް ލިބޭ އިޚުތިޔާރާއި ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ އާއި، ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ ނުވަތަ އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކޮށްފައިވޭތޯ ބެލުން ކަމަށެވެ.

އަދި އެފަދަ އޮފިސަރުންނަކީ މަގާމަށް ގާބިލު އެކަށޭނެ ތައުލީމާއި ހުނަރާއި ތަޖުރިބާއާއި ނަޒާހާތްތެރިކަން ހުރި އޮފިސަރުންކަން ކަށަވަރުކުރުމަކީ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.

ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށް ކޯޓު ހުކުމުގައިވެއެވެ.

ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

އެހެންވެ، ފަސް އޮފިސަރުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި ޕޮލިސް ބޯޑުގެ ނިންމުން ބާތިލް ކުރާ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.