ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ގިނިކަންޏާ ކަމަށާއި އެމަނިކުފާނު އަރިހުގައި އެއްވެސް މީހެއް ނެތް ކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން "ފެލާލައިފި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލުނު އިރު، ރައީސް ސޯލިހް ވިދާޅުވަނީ "ހާސް ނުވުމަށް" ކަމަށެވެ. "ހުރިހާ ކަމެއް ރަނގަޅަށްދާ" ކަމަށް ރައީސް ވިދާޅުވި އިރު، އޮރެންޖެއްގެ އަގު 13ރ. ގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސް ކަނޑުތައް ވަގަށް ވިއްކާލައިފި. ފޯޅަވަހި ވަގަށް ވިއްކާލައިގެން ހުރިހާ ވަގުން ބައި އަޅައިގެން މިތިބީ. ފޯޅަވަހި ވިއްކާލުމުގައި އެންމެ ބޮޑު ވަގެއްގެ ގޮތުގައި ހުންނެވީ ޝާހިދު،" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީ ތެރެއިން ޝާހިދާއި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފަދަ ބޭފުޅުންނަށް ކިޔައި އުޅެނީ "ހިޔަޅު ގްރޫޕް" ކަމަށެވެ. ޕީޕީއެމަށް ފާޑު ކިޔަން އަބްދުﷲ ޝާހިދު ވަރަށް ހުތުރު ކަމަށް ވެސް ކުރިން ބާރަށު ދާއިރާގެ މެމްބަރުކަން ކުރެއްވި ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓާއި މި ޕާޓީ އަށް ފާޑު ކިޔަން އަބްދުﷲ ޝާހިދު ވަރަށް ހުތުރު." ޝުޖާއު ވިދާޅުވިއެވެ.

ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ ފަނޑިޔާރުންނަށް މުސާރަ ދެނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކަމަށްވާ އިރު، ފަނޑިޔާރުން ވެސް ގޯސް ކަމެއް ކޮށްފިނަމަ، އެ ވާހަކަ ދެއްކެން ޖެހޭނެ ކަމަށެވެ. އަދި މި ޕޯޑިއަމްގައި އެ ވާހަކަ ދައްކަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ފަނޑިޔާރުން ނުޖެހޭނެ އިންޑިއާގެ އެމްބެސެޑަރު ކައިރި އަށް ދާކަށް. އޭނާގެ ދައުވަތުތައް އަޑުއަހާކަށް. ރާއްޖޭގެ ހަތަރު ވަނަ ބާރަކީ މީޑިއާ، މީޑިއާ ހިންގާ މީހުން ޖެހޭތަ އިންޑިއާ އެމްބެސެޑަރު ކައިރިއަށް ފަރިއްކުޅުވަން ދާން؟ މިއީ ރައްޔިތުން އުފައްދާ ސުވާލަކީ،" އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ޓެކްސް ނަމުގައި ރައްޔިތުން އަތުން ނުނަގާ ޓެކުހެއް މިހާރު ނެތެވެ. އަދި ރައްޔިތުން ހަމަ ރަނގަޅަށް ވެސް ފެލާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމާ ހަޖަމު ނުވިޔަސް، އަޅުގަނޑުމެން އެ ވާހަކަތައް ރައްޔިތުންގެ ހައްގުގައި ދައްކަމުން ގެންދާނަން،" ޝުޖާއު ވިދާޅުވިއެވެ.

ފެބްރުއަރީ 1، 2018 ގައި ސިޔާސީ ލީޑަރުންތަކަކާއި އިތުރު ބަޔަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މި ގައުމު މި ހާލަތަށް ދިއުމުގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ އަމުރު ނެރުނު މައްސަލަ ޕީޕީއެމްގެ ވެރިކަމެއްގައި ބަލާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އަދި އެކަމުގައި ސިފައިންގެ ނޫނީ ފުލުހެއް ބައިވެރިވި ނަމަވެސް މާފެއް ނެތް ކަމަށާއި އެމީހުން ވެސް ތިބީ ހަޑި ހާވާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެވޭތަ މިހާ ނުރައްކާތެރިކޮށް؟ ރެއަކުން ނެރެވޭތަ އަމުރެއް؟" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ އަތާއި އަތް ގުޅާލައިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ޔާމީން އެބަ ވަޑައިގަންނަވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"މި ސަރުކާރު މިއޮތީ ނިމިފައި. މި ސަރުކާރު ރަސްމީކޮށްލަން ޖެހޭނީ،" ޝުޖާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޖޫ

    ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ. ޔާމީން ޖަލަށްލާނެ.

    3
    2