ނ. ވެލިދޫއާއި ޅޮހީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ.

މިއަދު މިކަމަށްޓަކައި ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫގެއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ، ޝިފާއު އަލީއެވެ.

ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، އައު ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 12 މީޓަރ ބްރޭކްވޯޓަރ ޖެހުން، 167 މީޓަރ އެއްގަމު ތޮށި ޖެހުން، 155 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ. އަދި 121 އަކަ މީޓަރ ރޭންޕެއް ހެދުންމާއި، 120 މީޓަރު ކޮންކްރީޓް ޖެޓީ، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 22 މަގު ބައްތި ހަރުކުރުން އަދި 2433 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ޅޮހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 281 މީޓަރ ބްރޭކްވޯޓަރ ޖެހުން، 40 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ، 95 މީޓަރ ރިވެޓްމެންޓް ޖެހުން، 50 މީޓަރ ގްރޮއިން ޖެހުން، 366 މީޓަރ އެއްގަމު ތޮށި ޖެހުން، 366 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 10 މޫރިންގ ބޮއި ހަރުކުރުން، 121 އަކަ މީޓަރ ރޭންޕެއް ހެދުން، ކޮންކްރީޓް ޖެޓީ، ނެވިގޭޝަން ލައިޓް ހަރުކުރުން، 19 މަގު ބައްތި ހަރުކުރުން އަދި 1720 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ، 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 50 މިލިއަން ރުފިޔާއަށެވެ. އަދި ޅޮހީ ބަނދަރު މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 68.7 މިލިއަން ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.