ވެރިކަމަށް ވަޑައިގެންފި ނަމަ، ނ. ވެލިދޫގައި އެއާޕޯޓެއް އެޅޭނެތޯ ބަލައި އެކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ވެލިދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއު ކުރެވެން އޮތީ ކިހިނެއްތޯ ބައްލަވާނެ ކަމަށެވެ. އަދި އެއާޕޯޓު އެޅޭނެ މަގެއް އޮތް ނަމަ، އެކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެން އެކަން ވާން ނެތް ކަމަށްވާ ނަމަ، އެއާޕޯޓާއި މި ރަށާ ދޭތެރޭގައި ޝެޑިއުލް ދަތުރުތަކެއް ހެޔޮ އަގުގައި ކުރެވޭނެ މަގު އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިއަދު މަސައްކަތް ކުރަން ޖެހެނީ ރާއްޖޭގައި އޮތް ހަމަޖެހުން ދަމަހައްޓައި ދަރަނިން ސަލާމަތްވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އޭރުން ރާއްޖޭގެ އިގްތިސާދު ހަލުވި ދުވެއްޔެއްގައި ކުރިއަރައި ދާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންފި ނަމަ، ވެލިދޫގައި ހޮސްޕިޓަލެއް އަޅުއްވާނެ ކަމުގެ ޔަގީން ކަން ވެސް ގާސިމް ވަނީ ދެއްވައިފައެވެ. އަދި ތައުލީމީ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި އެންމެ މި ޒަމާނުގެ ކޮމްޕިއުޓާ ލެބްތައް ގާއިމުކޮށް ކްލާސް ރޫމްތައް އެއާކޮންޑިޝަންކޮށް ސްމާޓް ބޯޑު ހަރުކޮށް ދެއްވާނެ ކަމަށެވެ.

ކޮންމެ ރަށެއްގެ ބަނދަރު މަތީގައި ރީތި މިސްކިތެއް އަޅައި ފާހަނާ ބަރިތައް ގާއިމު ކުރުމަކީ ވެސް ވައުދެއް ކަމުގައި ގާސިމް ވިދާޅުވިއެވެ. މިއީ އިސްލާމީ ގައުމެއް ކަން އަންގައި ދިނުމަށް ވަރަށް މުހިންމު ނިޝާނެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ވަނީ ނ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ގާސިމްގެ ކެމްޕެއިން ފައްޓަވާފައި ވަނީ ހއ. އަތޮޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހަންމަދު

    "އެއާޕޯޓު މަޝްރޫއު ކުރެވެން އޮތީ ކިހިނެއްތޯ ބަލާނެ ކަމަށެވެ"
    މިކިޔަނީ ކީކޭތަ؟

    އެހެންމީހުންވެސް އެއާރޕޯޓު ހަދަނީ މަގުމަގަކުނޫން. ޖާގަ ނެތިއްޔާ ބިންހިއްކައިގެން.

  2. ޚާލިދު

    އެއާޕޯޓު އެޅޭނެ މަގު މުއިއްޒު ބަލާ ހޯދައިފި. މާކުރީގަ މުއިއްޒު އުޅުއްވަނީ، ވިހަފަރުގައި އަޅުއްވާނަމޭ އެންގެވީ

  3. ޒީނުވާ

    ކިހާބޮޑު ކަމެއްތަ މިގައުމަށް ޖެހިގެން މިއުޅެނީ މި މީހުން ދާ ކޮންމެ ރަށަކަށް އެއާޕޯޓެއް އަޅަން މި ބުނަނީ. އެއީތަ އަހަރެމެންނަށް ނުލިބިގެން އުޅޭ އެއްޗަކީ. ވެރިކަމާހެދި ތެޅުނަސް ބޮޑުވަރެއްމީ. މިވަރުގެ އެދުންވެރިކަން ބޮޑު ބައެއް މިދުނިޔޭގެ އެހެންތާކު އުޅޭނެހެނެއް ހިޔެއްނުވެ.

  4. ފެންނާނެއޭ

    ދެވަނަ ބުރަކަށް ނުގޮސް ރައީސް އިބޫ އަށް ވެރިކަން ލިބޭނީ ވޯޓްގައި މަކަރާއި ހީލަތް ހަދައިގެން ހިސާބު އިލްމް ދައްކާ ގޮތަކީ 1. މުއިއްޒު 34 ހާސް 2. ޢިބޫ 25 ހާސް 3.ގާސިމް 22 ހާސް 4. އިލްޔާސް 7 ހާސް 5. ނާޒިމް 5 ހާސް 6. އުމަރު 2 ހާސް 7.ފާރިޝް 100 ވޯޓް 8. ޒަމީލު 10 ވޯޓް. ދެން މި ނަތީޖާ ބަދަލުވަމުންދާއިރު އިބޫގެ ވޯޓް ސޮއްސާލައިގެން ދަށަށް ދަނީ އަދި ފެންނާނެ އެމްޑީއޭ ވޯޓްގެ ކުރިން ޖޭޕީ އާއި ގުޅޭ ތަންވެސް އަދި އުމަރު އަދި ނާޒިމް އަދި ނަޝީދު ގާސިމާއި ގުޅޭނެއޭ އެއަށް ފަހު ޕީޕީއެމް ވެސް ގުޅޭނެއޭ ނަތީޖާ އަކަި ރައީސް އިބޫ އެއްބުރުން ނަގާ އެއްލާލިމޭ މިތަން ފެންނާނެއޭ

    1
    2
  5. ޝައްކޭ

    މިއަދު ރިޔާސީ އިންތިޚާބުގެ ނަތީޖާ 1. މުއިއްޒު 33 ހާސް 2. އިބޫ 27 ހާސް 3. ގާސިމް 23 ހާސް 4. އިލްޔާސް 6 ހާސް 5. ނާޒިމް 4 ހާސް 6. އުމަރު 2 ހާސް 7. ފާރިޝް 100 8. ޒަމީލް 10 މީ މިއަދާއި ހަމައަށް އައިއިރު ނިކުންނަ ނަތީޖާ އަކީ ކުރި އަރަނީ މިހާރު ބޮޑަށް ގާސިމް ގާސިނަށް ވޯޓް ދޭން ނިންމްނީ ގައުމުގެ މިނިވަން ކަން ދެކެ ލޯބިވާ މީހުން މިހާރު ޔާމީން ނެތުމުން މުއިއްޒު ނުދައްކާ އިންޑިއާ ސިފައިން މިތާތިބި ވާހަކައެއް ޝައްކު މުއިއްޒު އެކަން ކުރާނެ ކަމާއި މެދު ޝައްކޭ ޝައްކޭ ޝައްކޭ