ގއ. ދެއްވަދޫން މަހަށް ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި ވަނީ ދެއްވަދޫގެ "މަސް ކުރަނި ދޯނީ" ގައި މަސައްކަތް ކުރަމުން އަންނަ ފަޅުވެރިއެއް ކަމަށްވާ އެ ރަށަށް އުފަން 53 އަހަރުގެ މުހައްމަދު ރަޝީދެވެ. އޭނާއަކީ އާންމުކޮށް މަހަށް ގޮސް އުޅޭ މީހެކެވެ.

މުހައްމަދު ރަޝީދުގެ ކޮއްކޮ ޝައިމަން ސައީދު "ވަގުތަށް" މިއަދު ބުނީ ދޯނީގައި ތިބި މީހުންނަށް އޭނާގެ ބޭބެ އެންމެ ފަހުން ފެނުނީ ބޮއި އަޅައިގެން އެންދަމަން ފޭބި ވަގުތުގައި ކަމަށެވެ. އަދި އޭގެ ފަހުން ދޯނި ނައްޓާލި އިރު، ބޭބެ ދޯނީގައި ހުރި ހެން، އެމީހުންނަށް ހީވި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"އެކަމަކު ދޯނި ތަންކޮޅަކަށް ދުއްވާލިތަނާ ތަނާ އެނގުނީ ބޭބެ ނެތް ކަން. އެހެންވެ، ހޯދުމުގެ މަސައްކަތް ފެށީ." ޝައިމަން ސައީދު ކިޔައި ދިނެވެ.

ދެއްވަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މުހައްމަދު ގެއްލިގެން އުޅޭ ކަން ރަށަށް އެންގުމާ ގުޅިގެން ބައެއް މީހުން ޑިންގީތަކުގައި ދެ ގަޑިއިރު ވަންދެން މުހައްމަދު ހޯދަން އުޅުނެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ބައިވެރިވިއެވެ.

"ބޭބެ އޮޔާ ދާ ތަން ފެނުނީ ކޯސްޓްގާޑަށް. ދެން އަވަހަށް ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ. ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި،" ކޮއްކޮ ކިޔައި ދިނެވެ.

މުހައްމަދުގެ ހަށިގަނޑު ފެންމަތީގައި އޮއްވާ ފެނިފައި ވަނީ މިއަދު 10:30 ހާއިރުއެވެ.

ފުލުހުން ބުނީ ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހެއްގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިއަދު 8:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ. އަދި އެ މީހާ ދެއްވަދޫއާ މޭލެއްހާ ބޭރުން ކަނޑުމަތިން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނގަބަޑި

    އޭނާއޮޔާދާ ތަންފެނުނީ ކޯސްޓްގާޑަކަށްނޫން. ހުރިހާކަމެއްގެ ކްރެޑިޓް ނެގޭތޯ ބަލާތި ކަމެއް ނުވިޔަސް

    22
    1
  2. އަބްދުއް ރަޝީދު ށ. ފުނަދޫ

    މަސް ދޯނިތަކުން މިގޮތަށް އެން ދަމަންފައިބާ ފަޅުވެރިން ބަހައްޓާފައި ނައްޓާލުން ވަރަަށް އާންމުކަމެއްތީ. ކަމަކަށް ނުވަނީ ގިނަފަހަރު ގެއްލޭމީހާ ގިރީގައި ނޫނީ ފަރުގައި ހުންނާތީ އޭނާ ފެންނަނީ. ފައިޖެހޭ ތަނެއްނެތިއްޔާ ނުހުރެވޭނެ. އަަހަރެންގެ ރައްޓެއްސެއް ގއ ހިސާބުގައި 5 ގަޑިއިރު ހުރި ގިރިއެއްގައި. ދޯނި އަބުރާ އައިސް އޭނާ ނެގީ. ޙިތާމަވެރިކަމެއް ހިނގީމަ ނޫސްތަކަށް މިއަރަނީ. ދޯނީގެ ކައްޕިން އިތުރަަށް ސަމާލުވާންޖެހޭ ކަމެއްނީ. ކަނޑުމެ ދަށް މީހަކު ދޫކޮށްފައި ދިޔުމަކީ ސީ ދާ މަރުގެ އެތިފަހަރެއް. ވަރަަށް ދެރަކަމެއް ތިޔަވީވެސް. ހިތާމަހުރި.

    54
  3. އިންވެސްޓިގޭޝަން މައިންޑު

    ޢުމުރު ދުވަހު ކަނޑު މަތީގައި މަސްވެރިކަމުގައި އުޅުނު މީހެއް އެއްވެސް އަނިޔާ ނުލިބި ކަނޑުމަތިން 2 ގަޑިއިރު ތެރޭގައި ކަނޑުމަތިން މަރުވެފައި އޮއްވައި ފެނުން ސުވާލު އުފެދޭ.. އާރޓިކަލް ވަނީ ހަޤީޤަތް ކަމަށް ވަންޏާ ދޯނި އޭނާގެ ގައިމަތިން ދިޔުން ފަދަ ކަމެއް ދިމާވެފައި ވުން ގާތް..އޭނާގެ އުމުރުގައި ކިތައް ފަހަރު އެންދަމަން މޫދަށް ފައިބައިފައި ހުންނާނެ..؟

  4. އަލީ

    ރަނގަޅު ތަހުގީގެއްކޮށް ހޭލުންތެރި ކުރުވަންވީ އަދި މަސްވެރިން ނައްވެސް ފަސްޓޭޑް ތަމްރީނުތައްދީ މަހަކުއެއްފަހަރުނަމަވެސް މެޑިކަލް ޓެސްޓެއްހަދާ އަބަދުގަނޑުމަތީގައުޅޭބައެއްވީމި އެއޮޑިއެއްގަ ރިޕޯޓްތައްބަހައްޓާގޮތައް އުތުރުން ދެކުނުން ދަތުރުކުރާ ބައެއްވީމަ ވަގުތުން ފަރުވާދޭން ފަސޭހަވާނެ މެޑިކަލްރިޕޯޓްތައްހުރީމަ