ޏ. ފުވައްމުލަކު އެތެރޭގެ މަގު ހެދުމުގެ މަޝްރޫއުގެ 77 އިންސައްތަ ނިންމައިފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި ޏ. ފުވައްމުލަކު އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 77 އިންސައްތަ އަދި ތާރު އެޅުމުގެ މަސައްކަތުގެ 40 އިންސައްތަ މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ސެޓްލްމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 އިންސައްތައާއި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރާނެއެވެ. އަދި 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމޭއިރު ފުވައްމުލަކު ރިންގް ރޯޑުގެ 20،650 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ތަރައްގީ ކުރެވޭނެއެވެ. ރިންގް ރޯޑުގައި ތާރު އެޅުމުގެ އިތުރުން ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ ކުރިން އެމްއާރުޑީސީއާ ހަވާލުކޮށްފައިވާ ފުވައްމުލަކު ވަށައިގެންވާ ރިންގް ރޯޑް އަދި އެތެރޭގެ މަގު ހެދުމުގެ މަސައްކަތް، މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 އަހަރުގެ އޭޕްރީލް މަހުގައެވެ.

ސަރުކާރުން ވަނީ ވަރަށް ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.