ޏ. ފުވައްމުލައް ސިޓީގައި ހުންނަ ހޯގާޑް ކުންފުނީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ހޯގާޑް ކުންފުނީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:13 ހާއިރު ކަމަށެވެ.

އެ ތަނުގައި ރޯވި އަލިފާން ގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ. ނަމަވެސް އަދިވެސް ދުން އަރަމުންދާތީ އެ ތަން މޮނީޓާ ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވީ ހޯގާޑް ކުންފުނީގެ ބައްދަލުވުންތައް ބޭއްވުމަށާއި ބައެއް ތަކެތި ބެހެއްޓުމަށް ބޭނުންކުރާ އިމާރާތެއްގައެވެ.

އެ އިމާރާތުގައި އަލިފާން ރޯވި ގަޑީގައި ނަގާފައިވާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ވަރަށް ބޮޑަށް ހުޅުހިފާފައިވާ މަންޒަރު ފެނެއެވެ. އަލިފާން ނިއްވުމަށް ދެ މީހަކު ވެގެން ފަޔާ އިންޑިންގްއެޝާ ބޭނުންކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.