ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު ސަމާހު މަރަން ދަށު ކޯޓުތަކުން ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.

ކ. ކާށިދޫ އަށް އުފަން އާދަމް ހަލީމް މަރާލީ ޖުލައި 22، 2012 ވަނަ ދުވަހުގެ ރޭ ދަންވަރު ޑިއުޓީ އަށް ދިއުމަށްޓަކައި ދިޔަ މަގުމަތީގައި، ގޭބަންދުގައި ހުންނަން ޖެހޭ ރައްޔިތަކު ބަންދުން ވީއްލި ރަށު ތެރޭގައި އުޅޭ ތަން ފެނުމުން އޭނާއަށް ނަސޭޙަތްދީ ގާނޫނަށް ބޯލެނބުމަށް އެދުމުންނެވެ.

ކާށިދޫ ސުވާސާގޭ ސަމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން ޖެނުއަރީ 2013 ވަނަ އަހަރު ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓީ ސެޕްޓެމްބަރު 2020 ގައެވެ.

އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އާދަމް ހަލީމަށް ހަމަލާދީ މަރާލި ކަމަށް ސަމާހު ފުރަތަމަ އެއްބަސްވިއެވެ. އެކަމަކު، ފަހުން، އާދަމް މަރާލި ކަމަށް ވަނީ އިންކާރުކޮށްފައެވެ.

ހައި ކޯޓުގެ ހުކުމްގައި ވަނީ އާދަމް މަރާލި ކަމަށް އެއްބަސްވީ މަޖުބޫރުން ކަމަށްވިޔަސް، އެކަމަށް ބާރުދޭ ސަމާހުގެ ފަރާތުން ދެއްކިފައި ނުވާ ކަމަށެވެ. ފަނޑިޔާރެއްގެ ކުރިމަތީގައި، ޝަރީއަތުގެ މަޖިލީހެއްގައި އެއްވެސް މަޖުބޫރުކަމެއް ނެތި ވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ނޫނީ ނުބެލެވޭނެ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އާދަމްގެ ހަލީމްގެ ވާރިސުން ބޭނުންވަނީ މަރަން މަރު ހިފަން ކަމަށް އެ މީހުން ބުނެފައި ވާއިރު، އާދަމްގެ ހަލީމްގެ ވާރިސެއްގެ ގޮތުގައި ހުރި ބާލިޣުނުވާ ކުޑަކުއްޖަކު ހުއްޓަސް، ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވަންދެން މަރަށް މަރު ހިފުން ފަސްކުރަން ނުޖެހޭނެ ކަމަށް ސުންނަތް ޖަމާއަތުގެ ހަނަފީ މަޒްހަބާއި މާލިކީ މަޒްހަބުގައި އޮންނަކަން ވެސް ހުކުމުގައިވެއެވެ.

އާދަމް ހަލީމަކީ އެ ރަށު ކެތި އަހުމަދު ހަލީމް އާއި ޚަދީޖާ ޔޫސުފް އަށް ލިބިފައިވާ ފަސް ކުދިންގެ ތެރެއިން ދެ ވަނަ ދަރިފުޅެވެ. ޑިސެމްބަރު 31، 1984 ގައި އުފަންވި ޝަހީދު އާދަމް ހަލީމް ތައުލީމް ހާސިލްކޮށްފައި ވަނީ އޭނާގެ އުފަން ރަށުގައި ހުންނަ ކ. އަތޮޅު މަދްރަސާއިންނާއި މަދްރަސަތުލް އަހްމަދިއްޔާއިންނެވެ. ތައުލީމީ ދައުރު ފުރިހަމަކުރުމަށް ފަހު، 2005 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ދިވެހި ފުލުހުންގެ ވަޒީފާއާ ގުޅުނެވެ.