މުޒާހަރާތަކާއި އެހެނިހެން ހަރަކާތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ނޫސްވެރިންނަށް ހުރަސް އެޅުމާއި ބައެއް ނޫސްވެރިންނަށް އަނިޔާ ލިބެމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީޣެ 28 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާ އިރު، ފަހަކަށް އައިސް އެ މަސައްކަތަށް ހުރަސް އެޅެމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ބައެއް މުޒާހަރާތަކާއި އެއްވުންތަކުން ނޫސްވެރިން ހައްޔަރު ކުރާ ކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށް އަލިމަގެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މުޒާހަރާތަކާއި އެހެނިހެން ހަރަކާތްތައް ގެނެސްދޭ ނޫސްވެރިންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގު ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

ހަމައެއާއެކު އެފަދަ ހަރަކާތްތައް ގެނެސްދިނުމުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ތަބާވެ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށް ވެސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ނޫސްވެރިންނަށް ހުރަސް އަޅާ ކަމުގެ ޝަކުވާ ލިބޭ ލިބޭ ކަމަށް މީޑިއާ ކައުންސިލުން ބުނެފައިވާ އިރު، އިދިކޮޅު މުޒާހަރާއެއް ކަވަރު ކުރަނިކޮށް ޗެނަލް 13 ގެ ސީއީއޯ މުހައްމަދު ސަމާހު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމެވެ.

ސަމާހްގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު އިއްޔެ އޭނާ ވަނީ ދޫކޮށްލާފައެވެ. އެތަނުން އެއް ޝަރުތުގެ ގޮތުގައި ވަނީ އެއް މަސް ދުވަސް ވަންދެން އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަބޭ

    މީޑިއާކައުންސިލްއައް ކަންކަން ބެލޭވަރު މިހާރު ސާފުވެއްޖެ

  2. ސޮހުލު

    ބޭރުގެ ޖަމާއަތްތަކުން މިކަން ކުށްވެރި ކުރީމާދޯ އަދި ތިޔަ ހޭވެރިކަންވީ. ސާބަސް ކަލޭމެންނަށް އިނގޭ..

  3. އަހްމަދު

    އަދިވެސް ތިބޭފުޅުންގެލޮކަށްނުފެނޭދެއްތޯ؟ އަދިވެސްމީހުންސަކުވާކުރާއަޑުއިވިލައްވަނީ ދެއްތޯ؟ވަޒީގަތިބެގެން ނަގާމުސާރައަކީ އަނބިދަރިންނައް ކާންދެވޭހަލާލުއެއްޗެއްކަމުގައިހައްދަވާ ނޫނީއެކަންބައްލަވައި ވޮޑިގަންނަވާނެ ދުވަސްއެބައޮތްކަން ހަދާނުގައިބަހައްޓަވާ

  4. ގަމް

    މީޑިޔާ މިނިވަން ކަން ގެއްލި ގޮއްސި