ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި، މި ހިނގާ ޖަނަވަރީ މަހުގެ 15 އިން 17 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވެސް މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކެމްބޯޑިއާ އަކީ ދެކުނުއިރުމަތީ އޭޝިއާގައި އޮންނަ ގައުމެކެވެ. އެއީ ތައިލެންޑާއި ލާއޯސް އަދި ވިއެޓްނާމް އާއި ބޯޑަރު ހިއްސާ ކުރާ ގައުމެކެވެ. ކެމްބޯޑިއާގެ އާބާދީ 16 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މިއީ އަނެއްކާ އިބޫ ސޯލިހު ރަސްމީ ދަތުރޭ ކިޔާފަ ރައްޔިތުންގެ ފައިސާއިން ވޭކޭޝަން ކުރާ ކަހަލަ ދަތުރެއްބާ؟ ކޮންމެސް ރިސޯޓެއްގަ ވޭކޭޝަން ހަދާލަންބާ؟

  2. އަވަށުމީހުން

    މިޤައުމުން އެއްޗެއް ދަސްކޮއްގެން ގޮއްސިއްޔާ ތި ޤައުމުގެ ދުވަސް ތިދިޔައީ..