މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް ދޭނެ ރިޕޯޓް ނުވަތަ މޮނީޓަރިން ރިޕޯޓް ހުށަނާޅާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން މިފަދަ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަން ފަށާނީ އެކެއް ޖަނަވަރީއިން ފެށިގެންނެވެ. އަދި މި ބާވަތުގެ މަޝްރޫއުތައް ހިންގާ ހުރިހާ ކުންފުނިތަކުން ވެސް މަޝްރޫއު ފަށާ ތާރީހު އީޕީއޭއަށް އެންގުމަށް އެ އިދާރާއިން އަންގާފައިވެއެވެ.

ހަަމަ މިއާއިއެކު، އެކެއް ޖަނަވަރީގެ ކުރިން ދޫކޮށްފައިވާ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޮނީޓަރިންގ ރިޕޯޓް ހުށަހަޅަމުން ނުގެންދާ ފަރާތްތަކުން އެ މޮނިޓަރިންގ ރިޕޯޓްތައް ޝެޑިއުލްއާ އެއްގޮތަށް ހުށަހަޅަން އީޕީއޭ އިން އަންގާފައިވެއެވެ.

އީޕީއޭއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދުގެ ދަށުން ހަދަންޖެހޭ އީއައިއޭ ރިޕޯޓް އާއި މޮނީޓަރިންގ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތުގެ ޝެޑިއުލާއި ބަލާނެ ޕެރަމީޓަރސް ހިމަނަންވާނެ ކަމުގައި ބަޔާންކޮށްފައެވެ.

އަދި، މިގޮތުގެ މަތިން އީއައިއޭ ރިޕޯޓުތަކާއި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތަކުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ރޭވިފައިވާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ރޭވިފައިވާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޕީއޭއަށް ހުށަހަޅަންޖެހޭނެ ކަމުގައި ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަޝްރޫއުތައް ހިންގާ ގިނަ ފަރާތްތަކުން މޮނިޓަރިން ރިޕޯޓް ހުށަހަޅަމުންނުދާކަން އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، މަޝްރޫއުތައް ހިންގާ ބައެއް ފަރާތްތަކުން ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާގޮތުގެ މަތިން މަޝްރޫއުގެ މަސައްކަތް ފެއްޓުމަށް ފަހު، ފެއްޓި ތާރީހް ތިމާވެށްޓާއި ބެހޭ އެޖެންސީއަށް އަންގަމުން ނުދާކަންވެސް މި ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ.

އެހެންކަމުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން މޮނިޓަރިން ރިޕޯޓް ހުށަނާޅާ ނަމަ ޑިއުޑިލިޖަންސް ރިޕޯޓްގެ ބޭނުމަށް އެއެޖެންސީ ހޯދުމަށް އެދޭ މަޢުލޫމާތުގައި އެކަން ބަޔާންކުރާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އީޕީއޭއިން ވަނީ އެފަދަ ތަންތަން ޖޫރިމަނާވެސް ކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ކުންފުންޏެއްް ކަމަށްވާ އެފްކޮންސް ކުންފުނިވެސް ހިމެނެއެވެ.