އއ.މަތިވެރިން ގެއްލިގެން ހޯދަމުން ގެންދާ ހަސަން އަލީ (ހަސަންފުޅު) ހޯދުމަށް ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކޮށް އަދި ފުލުހުންނާއި ސިފައިން ގުޅިގެން ރަށުގެ ފަޅުތެރެ ބަލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައެއް ނުވެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުގެ 10:30 ހާއިރުކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ.

ހަސަންފުޅު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރ 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރ 9994875 ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މަތިވެރީ ކައުންސިލުން ލަފާކުރާ ގޮތުން ހަސަންފުޅު އެންމެ ފަހުން ދިޔަކަމަށް ބެލެވެނީ މޫދަށެވެ. މޫދަށް ދާން އަޅާ މާސްކު ގޭގައި ނެތް ކަމަށާއި ފޯނު ބާއްވާފައި ދިޔުމުން ލަފާކުރެވެނީ ދާ އަޅަން ދިޔައީ ކަމަށް އާއިލާ އިން ބުނެއެވެ. ހަސަންފުޅަކީ އާންމުކޮށް ވަރަށް ގިނަ އިން ދާ އަޅަން ދާ މީހެކެވެ.