ފެބްރުއަރީ 19 ވަނަ ދުވަހު ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ލިލް އޯއެސްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ކުރިޔަށް އޮތް ދެމެޗުގައިވެސް ނޭމާއަށް ނުކުޅެވޭނެ ކަމުގައި އެޓީމު ކޯޗު ބުނެފިއެވެ.

މިމަހުގެ ނުވަވަނަ ދުވަހު ޗެމްޕިއަންސްލީގުގެ ރައުންޑް އޮފް 16ގެ ދެވަނަ ލެގުގެ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓީ ބުނިގޮތުން އެޓީމުން ކުޅެން ހަމަ ޖެހިފައިވާ ދެ މެޗުގައިވެސް ނޭމާއަށް ނުކުޅެވޭނެއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ބަޔާން މިޔުނިކާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުގެ ރަސްމީ ޓީމު އިއުލާން ކޮއްފައި ނުވި ނަމަވެސް ނޭމާ ޓީމުން އަދި އުނިކޮއްފައެއް ނުވެއެވެ. އެހެން ނަމަވެސް ރަސްމީ ޓީމުގައި ނޭމާ ނުހިމެނޭނެ ކަން މިހާރު ވަނީ ޔަގީންވެފައެވެ.

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގެ ފުރަތަމަ ލެގުގައި މި ދެޓީމު ބައްދަލުކުރި މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބު ކޮއްފައިވަނީ ބަޔާން މިޔުނިކުންނެވެ. މި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަޔާން މިޔުނިކުގެ ކޯމެންއެވެ.

ޗެމްޕިއަންސް ލީގުގައި މިދެޓީމު ބައްދަލުކުރި 14 މެޗުގެ ތެރެއިން ބަޔާންއިން ވަނީ 7 މެޗު ކާމިޔާބުކޮށްފައެވެ. 4 މެޗު ޕީއެސްޖީއިން ކާމިޔާބު ކުރިއިރު 2 މެޗު ނިމުނީ އެއްވަރު ވެގެންނެވެ.