މިނިވަންކަމާއި ތެދުވެރިކަމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލަފައިވާ ޤައުމީ ލަފާދޭ ކޮމެޓީން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ، އިންތިޚާބަށް އެއްވެސް ފަރާތަކުން އެއްވެސް ނުފޫޒެއް އިލެކްޝަން ތެރެއަށް ފޯރުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވިދާނެކަމަކަށް. އިލެކްޝަންސް ކޮމިޝަންގެ ތެރެއަކަށް". ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިންތިޚާބުގެ ކަންކަން ކުރިއަށްގެންދާނީ މިނިވަންކަމާއި ތެދެވެރިކަމާއެކު ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނީ ރައްޔިތުން ވޯޓުގެ ތެދު ނަތީޖާ ގެނެސްދޭން. އެއަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެ ފުރުސަތެއް ނުދީ ރައްޔިތުން ވޯޓުލީ ގޮތަކަށް ނަތީޖާ ނެރެ ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެން ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވިދާނެކަމަކަށް. އިލެކްޝަންސް ކޮމިޝަންގެ ތެރެއަކަށް.". ފުއާދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތަކާއި، އުސޫލު އެކުލަވާލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައެވެ.

ބައެއް ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބު މިހާ ގާތްވެފައި އޮއްވާ އިންތިޚާބުތަކާއި ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނޫސްވެރިންނަށް އޮތް ފުރުޞަތު ހަނިވާނެހެން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއިމެދުވެސް މީޑިއާ ކައުންސިލާއި، ބްރޮޑްކާސްޓިންގ ކޮމިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެވާހަކަތަކާއި ގުޅުވައި ވާހަކަ ދައްކަވަމުން އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ބައެއް ނޫސްތަކުން އެނޫސްތަކުގެ ނޫސްވެރިން ކަމަށް ބުނެ ސިޔާސީ ހަރަކާތްތެރިންވެސް ވޯޓުލާ މަރުކަޒަށް ފޮނުވާފައިވާ ކަމަށާއި އެފަދަ ފަރާތްތަކުން ވޯޓުލާ މަރުކަޒުތަކުގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އަދި ރިޕޯޓަރެއްގެ ހައިސިއްޔަތުން، ވޯޓުލާ މަރުކަޒަށް ވަންނަ ފަރާތަކީ ނޫސްވެރިއެއްގެ ހައިސިއްޔަތުން މިނިވަންކަމާއެކު ހަރަކާތްތެރިވާން ޖެހޭ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަން ރީނދޫ

    އެބުނަނީ ،އިތުރަށް ފޯރުވޭނެ ނުފޫޒެއްނެތޭ. ހިންނަވަރު ކުޑަ މޯދީ މުށުތެރޭގައި ތާށިވެފަޔޭ ކޮމިޝަން އޮތީ.

  2. ހުސޭނުބޭ

    ނަގޫފިތިގެން އިދެ ދައްކާ ވާހަކައަކާ ވައްތަރީ

  3. ކޮޔާ

    ނުފޫޒް ނުފޯރުވޭނަމަ 2018 ގަ ވަގުވޯޓުން އިބޫ ވެރިކަމަށް ނައީސް އެނގޭ އިބޫއަށް ލިބުނީ 50000 ވޯޓްކަން ރ ޔާމީން އަށްކަން ގިނަ ވޯޓްލިބުނީ