ސަރުކާރު ކޯލިޝަން ގައި ހިމެނޭ އެމްޑީއޭ އަދިވެސް އޮތީ ޕީޕީއެމްއާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިގޮތަށް ވިދާޅުވިއިރު އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތައް ވަނީ މީސްމީޑިއާގައި އިތުރުވެފައެވެ. އެމްޑީއޭގެ ލީޑަރު ސިޔާމް އާއި އެޕާޓީގެ އިސް ބޭފުޅުން ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ބައިވެރިވާ މަންޒަރެއް ނުފެއެވެ.

ރައީސް ޔާމީން ވިދާޅުވީއެމަނިކުފާނު ވެރިކަމަށް ގެނައުމަށް 2013 ގައި ހެދި ކޯލިޝަން އަދިވެސް ދެމިއެބައޮތެވެ. އޭގެ ތެރެއިން ވަކިވީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގައި ތިބި ބަޔަކު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޑީއޭ އަދިވެސް އަޅުގަނޑުމެންނާ އެކު ކޯލިޝަންގައި ދެމި އެބައޮތް،" ރައީސް މިއަދު ވިދާޅުވިއެވެ.

ޕީޕީއެމް އާއި އެމްޑީއޭގެ މެދުގައި އެއްވެސް މައްސަލަ އެއްޖެހިފައި ނުވާ ކަމަށްށާއި އެއީ ފިތުނަ އުފެއްދުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް ވިލިމާފަނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޕީޕީއެމްއާއި އެމްޑީއޭ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް، ދެ ޕާޓީން ވަނީ ފަށާފައި ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވަނީ، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މޫސާ ޒަމީރާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ކަމަށް ޕީޕީއެމް އިން ވަނީ މައުލޫމާތު ދީފައެވެ.