އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވި ހުސެއިން ނަސީރުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން އޭނާ ހައިކޯޓަށް ހުށަހެޅުއްވި އިންތިހާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.

ނަސީރު ހުށަހެޅި މައްސަލަ ބަލައި ނުގަންނަން ނިންމެވީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ. އޭނާގެ ނިންމުމުގައި ވިދާޅުވެފައި ވަނީ ނަސީރު ހުށަހަޅާފައިވާ މައްސަލައަކީ އިންތިހާބީ ޝަކުވާއެއްކަން ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވައިދުތައް އަދި އުސޫލުތަކުން ބެލެން ނެތް ކަމަށެވެ.

ނަސީރުގެ ފޯމް ބާތިލް ކުރީ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ހުށަހަޅަން ޖެހޭ 1،500 މީހުންގެ ސޮއި ހުށަހެޅި އިރު އެ ސޮއިތަކުގެ މައްސަލަތަކެއް ހުރުމުންނާއި އޭނާގެ ރަނިންމޭޓަކަށް ހުށަހެޅުއްވި، ޝެއިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑްތަކެއް ހުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވެއެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، އިންތިހާބަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް އިން ނިންމައިފި ނަމަ އެކަން ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށެވެ. އެ ނޫން ޝަކުވާއެއް ނަމަ، ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ.

ނަސީރުގެ ފަރާތުން ހައިކޯޓްގައި އެދިފައި ވާނީ ކެންޑިޑެސީ ފޯމް އަލުން އިސްލާހުކޮށް ހުށަހެޅުމަށް ނަސީރަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމެވުން ފަނޑިޔާރުންނަށް އިލްތިމާސް ކުރުމުގެ ފުރުސަތު އަދި ނަސީރަށް އޮންނާނެއެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން އާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެވެ. ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުން އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯޖޯ

    ނަޞީރު ކީއްކުރަން ގަންނަން އުޅޭ ގަނޑެއްބާއޭ ހިތަށްއަރާ! ނަޞީރަށްވެސް ކަނޑައެޅިގެން އެނގޭނެ ތިމާއަށް ވިއްސަކަށް ވޯޓުވެސް ނުލިބޭނެކަން! މަޝްހޫރުވާން ބޭނުންނަމަ ޓެޑްރީ މެން ކަހަލަ، ނަހުލާ ކަހަލަ މީހަކާ މަޝްވަރާ ކޮށްލައިގެން ކުރިޔަށް ދިޔަނަމަ!