ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ އަހުމަދު ރަޝީދު މިއަދުން ފެށިގެން ސިވިލް ކޯޓަށް ބަދަލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ އޭނާ ސިވިލް ކޯޓަށް ބަދަލު ކޮށްދިނުމަށް އަމިއްލަފުޅަށް އެދިވަޑައިގެންނެވުމުންނެވެ.

އަހަރެއްހައި ދުވަހު ސަސްޕެންޝަންގައި ހުންނެވި އަހްމަދު ރަޝީދު އޮފީހަށް ނިކުންނަވަން ފެއްޓެވީ މިދިޔަ މަހު ޖޭއެސްސީ އިން އޭނާގެ ސަސްޕެންޝަން އުވާލުމުންނެވެ. އަހްމަދު ރަޝީދު މިދިޔަ އަހަރުގެ އޮގަސްޓް 23 ވަނަ ދުވަހު ސަސްޕެންޑް ކުރީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި އެކު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން ކަމަށް ވެއެވެ.

ނަމަވެސް ޖޭއެސްސީ އިން ނިންމާފައި ވަނީ އޭނާ އާއި މެދު ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ ތުހުމަތު ކުރެވުނު މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތުމުންނެވެ.