ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 19،780 ކޮޑިމީޓަރު ބިން ހިއްކުމާއި، އިރު އަދި ހުޅަނގު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 320 މީޓަރާއި 330 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖެހުން ހިމެނެއެވެ.

އާބާދީގައި 678 މީހުން ދިރިއުޅޭ މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ގިނަ ރަށްތައް ފަދައިން ކިނޮޅަހަކީވެސް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށްވުން ކަމުގައި އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. ވޭތުވެދިޔަ ހަތް ވަރަކަށް އަހަރުގެ ތެރޭގައި މި ރަށުގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށުން 200 ފޫޓެއްހާ ސަރަހައްދެއް ގިރާފައިވާއިރު، ހުޅަނގު ފަރާތު ގޮނޑުދޮށުން މީގެ ދެގުނައަށް 400 ފޫޓެއްގެ ސަރަހައްދެއް ގިރައިގެން ގޮސްފައިވާކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
.
އެހެން ކަމުން، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން، މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.