އެހެން އަހަރުތަކާއި އެއްގޮތަށް މި އަހަރުގެ އަޟްހާ އީދުވެސް ކުލަގަދަ ކޮށް ފާހަގަކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގައި ކުދިބޮޑު އެންމެން އަވަދިނެތި އުޅެމުންދާއިރު، ކ.އަތޮޅު ގުރައިދޫ ވެސް މި ވަނީ އީދަށް ވާން ޖެހޭ ތައްޔާރީތައް ވެފައެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމިން ވިދާޅުވީ އީދާއި ގުޅިގެން ވާން ޖެހޭ ތައްޔާރީތައް ވެފައި ކަމަށާއި އިތުރު ތައްޔާރީތައް ވެސް އަދިވެސް ކުރިއަށްދާ ކަމުގައެވެ.

އެގޮތުން އީދަށް ރަށުން ބޭރު މެހުމާނުން އައުމުގެ ކުރީގައި ރަށުތެރެ ސާފުކޮށްފައިވާއިރު، ސްޓޭޖް ޝޯ ދިނުމަށް ސްޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ވަނީ މީގެ ދެ ދުވަސް ކުރިން ކޮށްފައެވެ.

އީދު ނަމާދަށްފަހު ކޮންމެ ރަށެއްގައިވެސް ފޯރިގަދަ ކަމާއިއެކު ފެންކުޅީގެ ހަރަކާތްތަށް ފެށޭއިރު، ގުރައިދޫ ފާހަގަ ވެފައިވަނީ އީދުގެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ތިންވަނަ ދުވަހުވެސް ހަމަ އެ ފޯރީގައި ފެންކުލަ ކުޅޭ ރަށެއްގެ ގޮތުގައެވެ.

މިދިޔަ އަހަރާއި ޚިލާފަށް މިއަހަރުގެ އީދު ދުވަހު ހަވީރު މާލި ޕެރޭޑެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިފަހަރުގެ މި އީދުގައި ގުރައިދޫ މުނިފޫހި ފިލުވައިދެނީ ރާއްޖޭގެ މަޝްހޫރް ބޮޑުބެރު ޓީމް "1438" ކާއި "ކްލިއޯ" ފަދަ މިއުޒިކީ ގްރޫޕްތަކެވެ. އޭގެ އިތުރުންވެސް މޯލްޑިވިއަން އައިޑަލްއިން ބޮޑު މަގްބޫލް ކަމެއް ހޯދި އަދި މުބާރާތުގައި ހަވަނަ ހޯދި ހަސަން ޝަހުދާންއާއި މަޝްހޫރް ލަވަކިޔުންތެރިޔާ ޔާމިން ފަދަ ފަންނާނުންވެސް ގުރައިދޫގެ އީދު ފޯރީގައި ބައިވެރިވެ، ޝޯ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަށުން ބޭރުން ޝޯ ދިނުމަށް އަންނަ ފަންނާނުންނާއެކު، ގުރައިދޫގެ އަންހެން ނަށާ ޓީމެއްވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ގުރައިދޫ ކައުންސިލުން މައުލޫމާތު ދެެއެވެ.

ގުރައިދޫ އީދަށް ތައްޔާރުވަމުންދާއިރު، މި އީދުގެ އުފަލުގައި ބައިވެރިވުމަށް ރަށުން ބޭރުންވެސް އެތައް ބަޔަކު މިހާރު ވަނީ އެރަށަށް ގޮސްފައެވެ. އަދި ގެސްޓް ހައުސްތައް ފުލްވެފައިވާއިރު، މުޅި ރަށް މިވަނީ އީދަށް ބަރާވެފައެވެ.