ބޮޑެތި އަރައިރުންވުންތަކާއި ދެބަސްވުންތަކެއްގެ ތެރެއިން އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގޮތަށް ފަހު ވަގުތު ހަމަޖެހިގެންދިޔަ އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ތަހުތުގައި ހުންނާން ލިބޭނީ ދެ އަހަރާއި ބައިގެ މުއްދަތެއްކަމުގައި ކަނޑައަޅައި، އެމްޑީޕީގެ މެނެފެސްޓޯއެއް އިއުލާނުކޮށްފައިވަނިކޮށް، ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ދައުރާއި މެދު ނިންމަވާނީ ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން އިބޫގެ "އަނގަ ބަންދުވެ" އެ ސުވާލަށް ޖަވާބުދެއްވަން ދެކޮޅުހައްދަވައިފިއެވެ.

ރިޔާސީ އިންތިޚާބުން ކުރި ހޯއްދަވައިފިނަމަ އިބޫ އަކީ އިންގިލާބީ ވެރިއެއްކަމަށް ބުނެ އެމްޑީޕީން "ޖަޒީރާ ރާއްޖެ"ގެ ނަމުގައި ކެމްޕެއިން ކުރަމުންދާއިރު، މިއަދު އެކަމާއި ގުޅޭގޮތުން އިބޫ އާއި ކުރިމަތިކުރެވުނު ސުވާލަށް ސާފު ޖަވާބެއް ދެއްވަން އިބޫ ވަނީ ފަސްޖެހިވަޑައިގެންފައެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، ޕާޓީތަކުގެ މެނެފެސްޓޯގައި އެކަން ހާމަކުރާނެ ކަމަށެވެ.

އެހެން ނަމަވެސް ފަސް އަހަރުގެ ކުރިން ވެރިކަމުން އިސްތިއުފާ ދެއްވޭނީ ނުވަތަ ވެރިކަމުގެ ދައުރަށް ބަދަލެއް ގެނެވޭނީ ހަމައެކަނި ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް އިބޫ މިއަދު ވިދާޅުވިއެވެ. ހަމަ އެހެންމެ އިންތިގާލީ ވެރިއެއްގެ ގޮތުން، ވެރިކަމުގެ ދައުރު ކުރުކުރުމަށް ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި އެކަމަށް އެއްބަސްވެވަޑައިގަންނަވާނަންތޯ ސުވާލުކުރެއްވުމުންވެސް އިބޫ ވިދާޅުވެފައިވަނީ، ޕާޓީތަކުން އެގޮތް ބޭނުންވިޔަސް އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

"ރައްޔިތުންނެއް ނޫންތޯ އެކަން ނިންމަނީ، އެއީ އަޅުގަނޑާ ހިސާބަކުން ނިންމޭނެ ކަމެއް ނޫން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ވެރިކަމުގެ ނިޒާމު މިހާރު އޮތްގޮތުން ވެރިކަން ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ ނިޒާމު ހަރުދަނާކުރުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ޤާނޫނުތަކަށް އިސްލާޙު ގެންނަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ ޤާނޫނު އަސާސީއަށް ގެނައުމަށް ނިންމާ އެ ބަދަލުތައް މެނެފެސްޓޯގައި ވާނެކަމަށެވެ.

ޤާނޫނު އަސާސީގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ފަސް އަހަރުގެ ދައުރަކަށެވެ. ނަމަވެސް އިބޫއަށް ދެވެން އޮތީ ބައި ދައުރު ކަމަށް އިބޫ ކެމްޕެއިނަށް ނެރުމުގެ ކުރިން އެމްޑީޕީގެ ލީޑާޝިޕުން ވަނީ އަންގާފައެވެ. އެއަށްފަހު "ހުރިހައި ބޭފުޅުންނަށް" ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ރާވަމުންނެވެ. އޭގެތެރޭގައި ޤާނޫނާއި ޚިލާފަށް ކުރެވުނު ކުށްތަކުގައި ޙުކުމް އިއްވުމުން، އެ ކުށްތަކަށް އަމިއްލައަށް އިއުތިރާފުވުމަށްފަހު އިންސާފަށް ފިލައިގެން އުޅޭ ގައިދީންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙހ

    ޢިބޫ އަނގަ ބަންދެއް ނުވާނެ

  2. އަރުމާނު

    ގާނޫނީ ނިޒާމު އޮތްގޮތުން ވެރިކަން ކުރަން އުނދަގޫ ވާކަމަށް ކުރިންވެސް ކަލޭމެން އެއްބަސްވޭ އެހެންވެ އޭގެތެރެއިން ބައެއްކަންކަން ވަނީ މިހާރުވެސް ނިންމާ ތަންފީޒުކުރަން ފަށާފައި މިސާލަކަށް މެންބަރުން ޕާޓީ ބަދަލުކުރުން ކަހަލަ ކަންކަން. އެފަދަ އުނދަގޫ މަރުހަލާ ތަކުގައިވެސް ގައުމު ހިންގުމަށް ރައީސްޔާމީން ފަސްނުޖެހި ގައުމު ނަގާ ކޮޅަށް ޖެހީތީ ޝުކުރުވެރިވެބަލަ.

  3. ނަފީސާ

    ބޮޑުތަނުން އިބޫ ބަލިވާނެ އިން ޝާ އަﷲ!

    • ޢަހަންމާ

      ޢިންޝާﷲ

  4. ސަމޭދާން

    އިބޫގެ އަނގަބަންދުވާނެކަން އަހަރުމެންނަށް މާކުރިންވެސް އެނގޭ ތިވީގޮތުން އިބޫ އަށް ވޯޓު ނުދޭނަން.